ads
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ: ޝާހިދު
މި ސަރުކާރު ވެރިކަމަށް އައީ ފިތުނަ އުފައްދައިގެން ކަމަށާއި ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ގދ. ތިނަދޫގައި މަޖިލިސް ކެމްޕޭނު ފެށި ޖަލްސާގައި، ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ވާހަކަ ދައްކާއިރަށް ނުވަތަ ރައީސް މުއިއްޒުގެ ވާހަކަ ދައްކާއިރަށް ރައްޔިތުންގެ ދުލު ކުރިޔަށް އަންނަނީ "ދޮގު ދޮލަނގު" ކަމަށާއި، މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރު ވެސް ނުކުރާ ކަމަށެވެ.

"ފިތުނަ އުފައްދައިގެން ވެރިކަމަށް އައި ސަރުކާރު މިއަދު މިއޮތީ. ފިތުނައަކުން ހެވެއް ނުނިކުންނާނެ. ދޮގަކުން ހެވެއް ނުލިބޭނެ. ދޮގެއްގެ މައްޗަށް ރަނގަޅު ބިނާއެއް ނުކުރެވޭނެ. އެ ހަގީގަތާ ރައީސް މުއިއްޒު ކުރިމަތިލައްވަން ޖެހިވަޑައިގެންފައި އެ އޮތީ،" ޝާހިދު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ހައްދަވައިފައިވާ ދޮގުތަކުން ސަލާމަތްވުމަށް އިތުރަށް 10 ދޮގު ހަދަންޖެހިފައިވާ ކަމަށާއި މިއީ މިއަދު ހަގީގަތް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް މުއިއްޒުއަށް ދަންނަވާލަން އޮތީ ހުއްޓާލައްވާށޭ. ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގައި ރައީސް މުއިއްޒު ރާއްޖޭގެ ހުރިހާ ކަނބަލުން ކުރިމަތީގައި ވިދާޅުވެދެއްވަންވީ މީގެ ފަހުން ތިމަންނާ ދެން ދޮގެއް ނަހައްދަވާނަމޭ" ޝާހިދު ވިދާޅުވި އެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ މި ސަރުކާރުގެ ވާހަކަ ދައްކާއިރަށް ނުވަތަ ރައީސް މުއިއްޒުގެ ވާހަކަ ދައްކާއިރަށް ރައްޔިތުންގެ ދުލު ކުރިޔަށް އަންނަނީ ދޮގު ދޮލަނގު ކަމަށާއި، މި ސަރުކާރަށް ރައްޔިތުން މިހާރު އިތުބާރުވެސް ނުކުރައްވާ ކަމަށެވެ.

އެމްޑީޕީން ބުނާގޮތުން، ސަރުކާރު ހަމަ މަގަށް އަޅުވައި، ސަރުކާރުން އޮޅުވާލާ އޮޅުވާލުންތައް ރައްޔިތުންނަށް ހާމަ ކުރުމަށް، މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް ލިބިފައި އޮތުމަކީ މުހިންމު ކަމެކެވެ. 

އެހެންކަމުން ސަރުކާރު ހަމަ މަގަށް އެޅުވުމަށް މަޖިލިސް މުހިންމުކަން ރައީސް ސޯލިހު ރޭ ވެސް ފާހަގަކުރެއްވި އެވެ. އެމްޑީޕީން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގެންގުޅޭ ސްލޯގަންއަކީ "މިސްރާބު ހަމަމަގަށް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް