ads
ރާއްޖޭގެ ޒަކާތު ފަންޑުން ގައްޒާއަށް ކާބޯތަކެތީގެ އެހީ ދެނީ
ޒަކާތު ފަންޑުން ގައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމައިފިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޒަކާތު ފަންޑުން ގައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. 

" ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ފަލަޞްޠީނުގެ ޣައްޒާގެ އަޚުންނާއި އުޚުތުންނަށް ކާބޯތަކެތީގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިދަނީ މަސައްކަތްކުރަމުން." ޝަހީމް އެކްސްގައި ވިދާޅުވިއެވެ.

 އިޒްރޭލުން ޔަހޫދީން ދެމުން ގެންދާ ހަމަލާތަކުން ގެއްލުން ލިބެމުންދާ ގައްޒާގެ ރައްޔިތުންނަށް ދާދި ފަހުންވެސް ދިވެހި ރައްޔިތުންގެ ނަމުގައި ވަނީ 1 މިލިއަން މަސްދަޅު ހަދިޔާކޮށްފައެވެ. 

ހައްދު ފަހަނާ އަޅާފައިވާ ޔަހޫދީ ފައުޖުތަކުން މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ  7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ގައްޒާއަށް ދަނީ ހަމަލާ ދެމުންނެވެ.  

މި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 32،782އަށް އަރާފައެވެ. އޭގެތެރެއިން 25،000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. 

މި ހަމަލާތައް ހުއްޓާލުމަށް  އދ. ގެ ސެކިއުރިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ގަރާރެއް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ފާސްކޮށްފައެވެ. ނަމަވެސް އިޒްރޭލުން އަދިވެސް ދަނީ ހަމަލާދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް