އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެކޮށް ވިއްކަމުން އަންނަ ކުންފުންޏެކެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ގަންނަ 'ޕަޔަނިއާ' ބްރޭންޑުގެ 50 ކިލޯގެ ސިމެންތި ބަސްތާއެއް 90 ރުފިޔާ (ޖީއެސްޓީ ނުހިމަނައި) އަށް ލިބޭނެ އެވެ. މިއީ އާންމު އަގުން ނަމަ 108 ރުފިޔާއަށް ވިއްކަމުން އައި ސިމެންތި ބަސްތާއެކެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި އަތޮޅުތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާ އަދި އާންމު ފަރުދުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން 1،500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ލޯޑް ކުރުމަށް ހުއްދަދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަަމަށް އެސްޓީއޯއިން ބުނެ އެވެ.
'ޕަޔަނިއާ' ސިމެންތިއަކީ ޔޫއޭއީގައި އެންމެ މަގުބޫލް އެއް ސިމެންތި ބްރޭންޑެވެ. މިއީ (BS EN 197 - 1:2000 CEM 42.5 N) ގްރޭޑްގެ އޯޕީސީ ސިމެންތިއެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.