ads
މުހައްމަދު އަމީން ދަރިކަނބަލުން އަމީނާ އާއެކު.
ތާރީހުން މިއަދު: އަމީން ދީދީ އުފަންވެވަޑައިގަތުމާއި ހަޔާތްޕުޅަށް އަވަސް ކަޅިއެއް
މުޙައްމަދު އަމީން އަކީ ހުރާގޭ ހާންދާނުގެ އެއްގޮފި ކަމުގައި ހިމެނޭއަތިރީގޭ އާއިލާގެ ބޭފުޅެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ އަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ އަހުމަދު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނުގެ މަންމާފުޅަކީ ރޯނުގޭއިބްރާހީމް ދީދީގެ އައިޝަތު ދީދީ އެވެ.
Advertisement

މުޙައްމަދު އަމީން އުފަންވެވަޑައިގަތީ 20 ޖުލައި 1910 ގައި މާލޭ ގައެވެ. ހިޖުރީ ގޮތުން 13 ރަޖަބު 1328 ގަ އެވެ.

ތުއްޕުޅު ދުވަސްވަރު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅާއި އަދި ކާފާފުޅާއި އާއިލާގެ ބޭފުޅުންގެ އަރިހުގަ އެވެ.

ފުރަތަމަ ތައުލީމު ހާސިލުރެއްވީ ބުޗާ ކަޅުތުއްތު އަރިހުންނެވެ. 

ދެވަނަ މުދައްރިސަކީ އައްޝައިހު ހުސައިން ރަހާ އެވެ. ދެން މިސްރަށް ވަޑައިގަތުމުން އައްޝައިހު މަލީމް މޫސާ ކަލޭފާނެވެ.

އެއަށްފަހު ވަޑައިގަތީ ސިލޯނަށެވެ.

އުމުރުފުޅުން އެންމެ 10 އަހަރުފުޅުގައި 1920 ވަނަ އަހަރު، ތައުލީމު އުނގެނިވަޑައިގަތުމަށްޓަކައި ސިލޯނަށް ވަޑައިގެން، ސެންޓް ޖޯސެފް ކޮލެޖުންނާއި ސެންޓް ޖޯންސް ކޮލެޖުން ތައުލީމު ހާސިލު ކުރެއްވި އެވެ.

ސިލޯނުން ތައުލީމު ހާސިލުކުރައްވައިގެން ރާއްޖެ ވަޑައިގެންނެވުމަށްފަހު، 1928 ވަނަ އަހަރު، އިތުރަށް ކިޔަވައި ވިދާޅުވުމަށްޓަކައި އުތުރުކަރައަށް ވަޑައިގެން މަޝްހޫރު އަލީގަޅު ޔުނިވަސިޓީން ކިޔަވައި ވިދާޅުވުމުގައި އަހަރެއްހާ ދުވަސް ހޭދަކުރެއްވި އެވެ. 

އެެއަށްފަހު ސަރުކާރާ ގުޅިވަޑައިގަތުމަށްފަހު ބާރަށް ކުރިއަށް ވަޑައިގެންނެވި އެވެ.

އެ ދުވަސްވަރު ސިޔާސީ ގޮތުންނާއި، އިގުތިސާދީ ގޮތުންނާއި، ތަރައްގީގެ ރޮނގުންނާއި، އަދަބީ ރޮނގުން ދިވެހި ގައުމަށް އިންގީލާބީ ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ ބާނީ އެމަނިކުފާނެވެ. އަދަބީ ގޮތުން ކޮށްދެއްވި ހިދުމަތްތަކަށް އަލިއަޅުވައިލަން މި ލިޔުމުގައި ގަސްދެއް ނުކުރައްވަމެވެ.

މުހައްމަދު އަމީން ސަރުކާރުގެ އެތައް މަގާމެއް ފުރުއްވި އެވެ. ސަރުކާރުގެ އިސް އެތައް މަގާމެއްގައި ނުހަނު ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައި, ރާއްޖޭގައި ކުރަމުން އައި ރަސްކަން ނިމުމަކަށް ގެނެސް، ރައްޔިތުންގެ ރުހުމާއެކު ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމުކުރެއްވުމަކީ އެހައިތަނަށް ސިޔާސީގޮތުން ގައުމަށް ގެންނެވި އެންމެ ބޮޑު ބަދަލެވެ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްނަގައި، ޖުމްހޫރީ ވެރިކަމަކަށް ދިވެހި ރަސްކަން ބަދަލުކުރެވި، 1 ޖެނުއަރީ 1953 ގައި ދިވެހި ރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާގެ ޝަރަފު އެމަނިކުފާނު ހޯއްދެވި އެވެ.

އަމީނުގެ ވެރިކަމުގެ ދުވަސްވަރު ދިމާވީ ދިވެހި ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދުވަސްވަރަކާއެވެ. 

ބޭސްފަރުވާއަކަށް އެމަނިކުފާނު ކޮޅުނބަށްވަޑައިގެން ހުންނަވަނިކޮށް، ސަރުކާރުގައި އިސްކޮށް ތިބި ބަޔަކު ގެނައި "ބަގާވަތެއް"ގައި އެމަނިކުފާނު ވެރިކަމުން ދުރުކޮށް، ވެލާނާގޭ އިބުރާހީމް ދީދީ ވެރިއަކަށް ހަމަޖައްސެވިއެވެ. އަދި އަމީންދީދީ ރާއްޖެވަޑައިގަތުމާއެކު ދޫނިދޫގައި ބަންދުކުރެވުނެވެ.

ނަމަވެސް އެމަނިކުފާނަށް ވަފާތެރި ބަޔަކު މީހުން އަލުން އެމަނިކުފާނަށް ވެރިކަން ހޯދައިދިނުމަށްޓަކައި، އެމަނިކުފާނު މާލެ ގެންނަވައިގެން އުޅެނިކޮށް ހިނގި ހަމަނުޖެހުންތަކެއްގައި، ރައްޔިތުންގެ ބަޔަކު ނުކުމެ އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާކޮށް ޒަހަމްކޮށްލުމަށްފަހު ފަޅުގައި އޮތް ދޯންޏަކަށް އެއްލައިލައި އެމަނިކުފާނު ކ.ގާފަރަށް އަރުވައިލިއެވެ. 

އެއަށްފަހު އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ގޯސްވުމާއެކު ކ.ވިހަމަނާފުށްޓަށް ގެނެވުނެވެ. ސިއްހީ ހާލުކޮޅު ދަށަށް ގޮސް، އެމަނިކުފާނު އަވަހާރަވީ 19 ޖެނުއަރީ 1954 ގައި ވިހަމަނާފުށީގަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް