ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ދަތުރަކީ ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާންގެ ދައުވަތަކަށް ކުރައްވާ ދަތުރެއްކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ސައުދީގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަބްދުލްއަޒީޒަށް މި ދަތުރުގައި ޒަމީރު އަރުއްވާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން މި ދަތުރުގައި ސައުދީގެ ފޮރިން މިނިސްޓަރު ފައިސަލް ބިން ފަރްހާން އަލް-ސައުދު އާއި ސައުދީ ސަރުކާރުގެ އެހެން ބައެއް އިސްވެރިންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) އާ ބައްދަލުކުރަން ހަމަޖެހިފައިވާކަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.
މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ހަތަރު ދުވަހުގެ މި ދަތުރުގައި ޒަމީރާއި ގަވަރުނަރު މުނައްވަރުގެ އިތުރުން ދިވެހި ވަފުދުގައި ހިމެނެނީ އެމްބަސެޑާ އެޓް ލާޖް އަހްމަދު ނަސީރާ، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޖޮއިންޓް ސެކްރެޓަރީ ބަދޫރާ ސައީދުގެ އިތުރުން ޑިރެކްޓާ ޖެނެރަލް އައިޝަތު ފަރީނާއެވެ.