ޔޫއެމްއެސް ވެބްސައިޓަކީ އެމްޕީއެލްއިން އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ އިތުރު ހިދުމަތްތައް ދޭން ހަމަޖެހިފައި ވަނީ މި ނަމުގައި ކަމަށް ވާތީ އެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ލޯންޗުކުރި ވެބްސައިޓެކެވެ.
ހިދުމަތްތައް ފޯރުކޮށްދޭ އެޖެންޓުންނާއި ލިބެން ހުރި ހިދުމަތްތަކުގެ މައުލޫމާތުތައް އިންޓަނޭޝަނަލް މާކެޓަށް މި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.
އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތުގައި ޔޫއެމްއެސްގެ ވެބްސައިޓް ލޯންޗު ކޮށްދެއްވީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ އުތުރުގައި މެރިޓައިމް ހިދުމަތްތައް އަލަށް ފަށާއިރު، ހިދުމަތްތައް ފުރިހަމަކޮށްދީ، އެ ސަރަހައްދަށް އުޅަނދުތައް އަންނާނެ ސަބަބެއް އުފައްދަން ޖެހޭ ކަމަށެވެ. އަދި މި ވެބްސައިޓްގެ ސަބަބުން ދިވެހިރާއްޖޭގެ އެންމެ އުތުރުގައި މި ހިދުމަތްތައް ބައިނަލްއަގްވާމީ މާކެޓަށް ހުޅުވާލެވޭނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގައި މެރިޓައިމް ސެކްޓަރ ވަރަށް ބޮޑަށް ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޖީހު ވަނީ ވިދާޅުވެފަ އެވެ.
އުތުރުގައި އިންޓާނޭޝަނަލް ފިއުލް ބަންކަރިން ހިދުމަތަށް ފެށުމަށް އެސްޓީއޯ އިން މިހާރު ވަނީ ތައްޔާރު ވެފަ އެވެ. މި ހިދުމަތާއެކު އުތުރުގައި ވަށާ ޖެހޭ މެރިޓައިމްގެ ގިނަ ހިދުމަތްތަކެއް އެމްޕީއެލް އިން ފޯރުކޮށްދޭނެ އެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ފިއުލް ބަންކަރިންގެ ހިދުމަތް މި މަހުގެ މެދު ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ހިދުމަތަކީ ރާއްޖެއަށް ބޭރު ފައިސާ ވަންނާނެ މިންވަރު އިތުރުކުރެވިގެން ދާނެ މަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.
ޝިމާދު ވިދާޅުވީ އެމްޕީއެލްއާ ގުޅިގެން ތެޔޮ ބަންކަރިންގެ ހިދުމަތްތައް ދޭން އެސްޓީއޯއިން ތައްޔާރުވާއިރު، އެތަނަށް އަންނަ އުޅަނދުތަކަށް ބޭނުންވާ އިތުރު ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދޭން މަސައްކަތްކުރާ ކަމަށެވެ. އަދި އެ ކުންފުންޏާއި އެކު ފުޅާ ދާއިރާއެއްގައި މި ހިދުމަތްތައް ދެވުމަކީ އެ ދާއިރާ އިތުރަށް ތަރައްގީ ކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ