ރެޑްބުލް ފޯ ޓޫ ސްކޯ ވޯލްޑް ފައިނަލްސް ކުރިއަށްދަނީ ޖަރުމަންގެ ލައިޕްޒިގުގައެވެ. ކުއާޓާ ފައިނަލުގައި ރާއްޖެ ކުޅުނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ.
ފައިނަލްސްގެ ގުރޫޕް ސްޓޭޖުގައި އިއްޔެ ރާއްޖޭން ވަނީ ފަސް މެޗު ކުޅެފަ އެވެ. ރާއްޖެވަނީ އިންޑިއާއާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދި އޮސްޓްރިއާއާ ދެކޮޅަށް ކުޅެ 3-2 އިން ބަލިވި އިރު، ބްރެޒިލްއާ ދެކޮޅަށް ކުޅެގެން ބަލިވީ 4-6 އިންނެވެ. އަދި ފަހު މެޗުގައި އެމެރިކާ އަތުން ބަލިވީ 5-1 އިންނެވެ.
ރެޑްބުލް ފޯ ޓޫ ސްކޯ އަކީ، ގޯލް ކީޕަރެއް ނުލައި ޓީމަކުން ހަތަރު ކުޅުންތެރިން އަރުވައިގެން ކުޅޭ މުބާރާތެކެވެ. މި މުބާރާތަށް ކޮލިފައިވާން ރެޑްބުލް އިން ވަނީ އެކި ގައުމުތަކުގައި ކޮލިފައިން މުބާރާޓްތައް ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖޭގެ 10 ސަރަހައްދެއްގައި ކޮލިފައިންގެ ބުރުތައް ބާއްވައި، ފައިނަލް ބުރަށް ހޮވުނު 16 ޓީމުގެ ތެރެއިން އެއްވަނަ ހޯދައިގެން ވޯލްޑް ފައިނަލްސް އިން ޖާގަ ހޯދީ ޓީއެފްޓީ އެވެ. މި ޓީމުގައި ހިމެނެނީ މުހައްމަދު ޝައްފާން (ޝާކާ)، އިސްމާއިލް މުނީޒް، މުހައްމަދު ވިލްފް، އަހުނަފް ރަޝީދު (އަހުއްކޮ) އަދި އިބްރާހިމް ނާޖިހު (ހޭޓް) އެވެ.