ads
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނައިބު ރައީސް ކަމަލާ ހެރިސް
ކަމަލާއަށް މޫސުމީ އެލާޖީތަކާއި މޫސުމީ ބަލިތައް ޖެހޭ: ޑޮކްޓަރު ރިޕޯޓު
އެމެރިކާގެ އިންތިހާބުގައި ވާދަކުރައްވާ އެ ގައުމުގެ ނައިބު ރައީސް ކަމަލާ ހެރިސް އަކީ މޫސުމީ އެލާޖީތަކާއި މޫސުމީ ބަލިތައް ޖެހޭ ބޭފުޅެއް ކަން ހާމަވެއްޖެ އެވެ.
Advertisement

މިކަން ހާމަވީ ވައިޓް ހައުސް އިން ޝާއިއުކުރި ކަމަލާގެ މެޑިކަލް ރިޕޯޓުން ނެވެ.

ނައިބު ރައީސް ކަމަލާ އޭނާގެ ޑޮކްޓަރު ޖޮޝުއާ ސިމަންސް ތައްޔާރު ކުރެއްވި މި ރިޕޯޓުގައި ބުނެފައިވަނީ ކަމަލާއަށް މޫސުމީ އެލާޖީތަކާއި ބަލިތައް ޖެހޭ ކަމަށާއި، މިކަން ބޭހުން ކޮންޓްރޯލްކުރެވޭ ކަމަށެވެ. 

މީގެ އިތުރުން، ކަމަލާ އަކީ ކައިރި ފެނުމުގެ މައްސަލަ ކުޑަކޮށް ހުރި ބޭފުޅެއް ކަމަށާއި އެހެންވެ ކޮންޓެކްޓް ލެންސް ބޭނުންކުރައްވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ގިނަ ދުވަހު ކަމަލާގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އެމެރިކާ ސިފައިންގެ ކާނަލް ޑރ ޖޮޝުއާ ސިމަންސް ލިޔުއްވާފައިވާ ކަމަލާގެ އެ ރިޕޯޓުގައިވާ ގޮތުން އޭޕްރީލް މަހު ހެދި ކަމަލާގެ މެޑިކަލް ޓެސްޓުތަކުން އެއްވެސް ކަމެއް ފާހަގަވެފައެއްނުވެ އެވެ. އޭނާއަކީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އުޅުއްވާ ބޭފުޅެއް ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ.  

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ސިއްހީ ހާލަތަށް ފާޑުކިޔުން އާންމުވުމުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެކަން އިއުލާން ކުރެއްވުމާއިއެކު، ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓު ކަމަލާ ހެރިސްއަށް އެރުވި އެވެ. އަދި ބައިޑެން ރޭސް ދޫކޮށްލެއްވުމަށް ފަހު ވިދާޅުވީ ދެން އޭނާ ތާއީދު ކުރައްވާނީ އިންޑިއާ ދަރިކޮޅުގެ އަދި އޭނާގެ ނާއިބު ރައީސް ކަމަލާ ހެރިސް އަށް ކަމަށެވެ.

ކަމަލާ ހެރިސްގެ ސިއްހީ ހާލަތު ވަރަށް ރަނގަޅު ކަމަށާއި، ރައީސްކަމުގެ މަގާމަށް އެކަށީގެންވާ ކަމަށް މެޑިކަލް ރިޕޯޓުގައި ބުނުމާއިއެކު އުމުރުން 78 އަހަރުގެ ޓްރަމްޕްގެ ޖިސްމާނީ ސިއްހަތާއި ސިކުނޑީގެ ހާލަތު އާންމުންގެ ސަމާލުކަމަށް ގެންނަން އުމުރުން 59 އަހަރުގެ ކަމަލާގެ ކެމްޕޭނު ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ. 

ނަމަވެސް ޓްރަމްޕް ވަނީ ތަފްސީލީ މެޑިކަލް މައުލޫމާތެއް ހާމަކުރުމަށް އިންކާރު ކުރައްވައިފަ އެވެ. 

އެމެރިކާގެ އިންތިހާބު އޮންނާނީ އަންނަ މަހު 5 ގަ އެވެ. އެ އިންތިހާބުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓާއި ވާދަކުރައްވާނީ ރިޕަބްލިކްގެ ކެންޑިޑޭޓް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެވެ. 

ހިޔާލު ހޯދުމުގެ ޕޯލްތަކުން ކުރީގައި އުޅުއްވަނީ ކަމަލާ ހެރިސް އެވެ. ނަމަވެސް ފަރަގު ކުޑަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް