އެލައިޑުން މި ހިދުމަތް އަލުން ފާށާފައިވަނީ މާލޭގައި ހިންގާ އަމިއްލަ ހޮސްޕިޓަލަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ބަލިމީހުން އަމިއްލަ އަތުން ފައިސާ ދައްކަންޖެހިދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިފަހުންނެވެ.
އެލައިޑުން މި ހިދުމަތް އަލުން ފެށި ނަމަވެސް، ސޮލަރެލް އާއި އަމާނާ ތަކަފުލްއިން އަދިވެސް ކޭޝްލެސް ހިދުމަތް ދޭން އަދި ނުދަށައެވެ. އެހެންކަމުން، މި ދެ ކުންފުނީގެ އިންޝުއަރެންސް ގެންގުޅޭ ފަރާތްތަކަށް އަދިވެސް ކޭޝްލެސް ހިދުމަތް ނުލިބޭނެ އެވެ.
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ހުއްޓާލުމުގެ ސަބަބުން އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ކޮންމެ ހާލަތެއްގައި ވެސް، ކުރިއެކޭ އެއްގޮތަށް އާސަންދަ ހިދުމަތް ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފައިވެ އެވެ.
މި ބަދަލުތައް އައީ ސިއްހީ ހިދުމަތް ދޭ ތަންތަނުން އައުޓް ޕޭޝަންޓްކޮށް ހިދުމަތް ހޯދާ ބަލިމީހުންނަށް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އާސަންދަ ނުލިބޭ ގޮތަށް އާސަންދަ ހިދުމަތަށް ބަދަލު ގެނައުމާ ގުޅިގެންނެވެ. މި ބަދަލާ އެކު ބައެއް ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން ވަނީ އައުޓް ޕޭޝަންޓުކޮށް ހިދުމަތް ހޯދާއިރު ދޭ ކޭޝްލެސް ސާވިސް މެދުކަނޑާލާފައެވެ.