ރައީސް އެ ބިލް ތަސްދީގު ކުރެއްވުމާއެކު، މިއަދުން ފެށިގެން އަމަލު ކުރާ ގޮތަށް ވަނީ ގެޒެޓުކޮށްފަ އެވެ.
މަޖިލީހުން ގާނޫނު އަސާސީ އިސްލާހު ކުރީ، މިއަދު ބިލު ހުށަހަޅައި، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް ފަހު މިއަދު ހަވީރު ބޭއްވި ޖަލްސާއެއްގައެވެ.
ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.
އެ ބިލުގައި ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން ހުށަހަޅައިފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން - ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ގާނޫނުއަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަގުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. އެއީ، 70 މެންބަރުންނެވެ.
މީގެ އިތުރުން ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އިސްލާހު ގެންނަން ފާސްކުރާ ބިލްތައް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ދާންޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ މާއްދާއަށް ބަދަލެއް ގެންނައިރު ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އެ ބިލުގެ ދަށުން ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެންނައިރު ވެސް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ ގޮތަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ސަރަހައްދެއް ބޭރުގެ އަސްކަރީ ބޭނުމަކަށް ދޫކުރުމުގެ އުސޫލު ވެސް އިތުރަށް ހަރުކަށިކުރަން އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
ސަރުކާރުން އަވަސް އަރުވައިލައިގެން މިފަދަ ބިލުތަކެއް ފާސްކުރި ސަބަބާ މެދު ކަންބޮޑުވުން ފާޅުކޮށް، އެކި ތުހުމަތުތައް ވެސް ބައެއް ފަރާތްތަކުން ކޮށްފައިވެ އެވެ.