ސީރީޒްއާ ގުޅޭ މާބޮޑު މައުލޫމާތެއް އަދި ހާމަ ނުކުރިޔަސް މި ސީރީޒްގެ ޓައިޓްލްވަނީ މިދިޔަ ހޮނިހިރު ދުވަހު ރިލީޒްކޮށްފައެވެ.
ޓައިޓްލް ރިލީޒް ވީޑިއޯގެ ސްޓައިލާއި މިޔުޒިކުން މިއީ ސަސްޕެންސް/ތްރިލާ ޖޯންރާގެ ސީރީޒްއެއް ކަމަށް ބެލެވެއެވެ. މި ވީޑިއޯއިން ފެންނަނީ ރާޒުވާ ކުޅިބައެއްގެ ތެރެއަށް ތެޔޮ ކަހަލަ އެއްޗެއް އެޅުމާއި ދުރުން ފެންނަ އަންހެން ކުއްޖެއްގެ ވަށައިގެން ފޮޓޯ ފްރޭމްތަކެއް މައްޗަށް އަރައިގެންދިއުމާއި އަވަރ ގްލާސްއެއް ހުސްވަމުންދިއުމުގެ އިތުރުން ބާޒެއްގެ ލޯގޯ ޖެހި ސިއްރު ޑޮކިއުމަންޓްތަކެކެވެ. "ހިންތާ" ގެ މާނައަކީ މަކަރު, ހީލަތް ނުވަތަ ކެއްސެވެ.
"ގަރީނާ" ވެސް ލިޔުނު ސްކްރީން ރައިޓަރ އަހްމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް ހަދާ "ހިންތާ" ޑައިރެކްޓް ކުރަނީ ކުޅަދާނަ ޑައިރެކްޓަރ/އެކްޓަރ ރަވީ ފާރޫގެވެ. މިއީ ރަވީ ފާރޫގާއި އެއްކާފްގެ ފުރަތަމަ ކޮލަބްރޭޝަންކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.
މީޑިއާނެޓްގެ ވީޑިއޯކްލަބުން "ހިންތާ" ސްޓްރީމް ކުރަން ފަށާ ދުވަހެއް ސީރީޒްގެ ރަސްމީ ޓްރެއިލާއާއެކު ހާމަކުރާނެކަމަށް ލަފާކުރެވެއެވެ. އަދި ޓްރެއިލާއިން މި ސީރީޒްގެ ތަރިންނާ ވާހަކައިގެ ޕްލޮޓް އެނގިގެން ދާނެކަން ޔަޤީނެވެ.