ސޯޝަލް މީޑިއާގައި އަންނަނީ އެންސްޕާ ހިންގާ އިމާރާތް ކުއްޔަށް ހޯދުމުގައި ކުރެވުނު މުއާމަލާތާ ގުޅުވާ ތުހުމަތުތައް ކުރެވެމުންނެވެ. އެގޮތުން އެންސްޕާ ހިންގާ އޮފީސް އިމާރާތެއް ހޯދަން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ގޭގެ ވެރިފަރާތް ނޫން އެހެން ފަރާތަކާ ކުރިކަމަށް ބުނެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި އަންނަނީ ކުރަމުންނެވެ.
މި ވާހަކަތައް ދޮގުކޮށް އެންސްޕާއިން މިރޭ އާއްމުކުރި ބަޔާނުގައި ބުނީ އެޖެންސީ ހިންގަން އިމާރާތެއް ހޯދުމާއި ގުޅޭ މަސައްކަތްތަކާއި ގުޅޭގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގުވާހަކަތަކެއް ކަމަށެވެ.
މީގެ އިތުރުން އެ ކަންކަމަކީ ހާމަކަން ބޮޑުކޮށް އެ މައުލޫމާތުތައް ފެންނަން ހުންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެންސްޕާއިން އިތުރަށް ބުނީ ރައްޔިތުންގެ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރާ އެ ފަދަ މުއައްސަސާއެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ގޮތަށް، ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭހެން މަސައްކަތްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އަދި އެފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅާނެކަމަށްވެސް އެންސްޕާއިން ބުންޏެވެ.
މީގެ އިތުރުން އެންސްޕާ އާއި އެތަނުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭގޮތަށް ދައްކަމުންދާ ވާހަކަތަކާގުޅޭ މިނިވަން ތަހުގީގެއް ހިންގައިދީ އޭގެ ތަފްސީލް ރައްޔިތުންނަށް ހާމަކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އެދޭނެކަމަށްވެސް އެންސްޕާއިން ނެރުނު ބަޔާނުގައި ބުންޏެވެ.