މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ. ސީއެމްއީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ރީޖަނަލް ޖެނެރަލް މެނޭޖަރު، ޝެން ހައު ޖިން އެވެ.
މުއްތަލިބު ވިދާޅުވީ މިއަދު ސޮއިކުރި މި އެެއްބަސްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ޗައިނާއަށް ވަޑައިގެން ސޮއި ކުރެއްވި އެމްއޯޔޫތަކުގެ ދަށުން ވެވުނު އެއްބަސްވުމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި, އެއްބަސްވުމެއްގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.
މި މަޝްރޫއާގުޅޭ އެއްބަސްވުމަކަށް އައިސްފައިވަނީ ސީއެމްއީސީން ހުށަހެޅި ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، އެއާމެދު މަޝްވަރާކުރުމަށް ފަހުގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
ޕްރޮޖެކްޓްގެ ތެރެއިން ކުރެވޭ މައިގަނޑު މަސައްކަތްތައް
- ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމުކުރުން
- ފެނާއި ނަރުދަމާގެ ނިޒާމުގެ ގާއިމުކުރުން
- ޑީވޯޓަރިން ސިސްޓަމް ގާއިމުކުރުން
- މަގުތައް ޒަމާނީ ފެންވަރަށް ހެދުން
- ޖީޕޮން ޑަކްޓިން ސިސްޓަމް ގާއިމުކުރުން
- ގޭސް ސްޓޯރޭޖާއި ޑިސްޓްރިބިއުޝަން ސިސްޓަމް ގާއިމުކުރުން
މި އެއްބަސްވުމުގައި ސޮއިކުރުމާއެކު ސާވޭ އަދި ތަފުސީލު ކުރެހުމުގެ މަސައްކަތް ކޮންޓްރެކްޓާ ފަށާނެ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ގުޅިފަޅުން 3،520 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ. ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުފަޅު ހިމެނޭ ގޮތަށް މާލޭ މީހުންނަށް މި ސަރަހައްދުން 9،000 އަށް ވުރެ ގޯތި ދޫކުރަން ކުރީގެ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.