ads
ރައީސް މުއިއްޒު ރަތަފަންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް
ރަތަފަންދޫ ބަނދަރާއި ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރަނީ
ގދ. ރަތަފަންދޫ ބަނދަރު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރި ރަތަފަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަތަފަންދޫ ކައުންސިލްގެ އިމާރާތުގެ ހާލަތު ދަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، 50 އެތައް ރަށެއްގައި ކައުންސިލްގެ އިމާރާތްތައް އެޅުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައިވާއިރު އޭގެ ތެރޭގައި އެ ރަށް ވެސް ހިމެނޭ ކަމަށެވެ. ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ފަދައިން މި އަހަރު ތެރޭ ބަނދަރު ވެސް ހައްދަވައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ޒުވާނުންނަށް ވޮލީ ކޯޓަކާއި، ޔޫތު ސެންޓަރެއްގެ އިތުރުން ޖިމެއް ވެސް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ރަށުގެ ސިއްހީ މަރުކަޒު އިމާރާތުގެ ގޮތުންނާއި، މުވައްޒަފުންގެ ގޮތުން އަދި ވަސީލަތުގެ ގޮތުން ވެސް ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މިއަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ސިއްޙީ ދާއިރާއާއި ތައުލީމީ ދާއިރާ ހިމެނޭ. މި ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް، ސިއްޙީ މަރުކަޒު، އިމާރާތާއި ވަސީލްތަތަކުގެ ގޮތުން، މުވައްޒަފުންގެ ގޮތުން، ހުރިހާ ގޮތަކުންވެސް މި ރަށަށް ބޭނުންވާ ފެންވަރުގެ ސިއްޙީ މަރުކަޒަކަށް އެ މަރުކަޒު އަޅުގަނޑުމެން ހަދައިދޭނަން،" ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރަތަފަންދޫ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ގާއިމުކޮށްދީ، ހުއްޓިފައިވާ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް މި އަހަރު ފައްޓަވައިދެއްވާނެ ކަމަށެވެ. އެކަން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ތެރެއިން ފައިސާ ހަމަޖައްސަމުންދާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް