
ޔުނައިޓެޑުގެ ކޯޗުކަމުގެ މަގާމުން 2021 ވަނަ އަހަރު ވަކިވީ ފަހުން ކޯޗިންގެ އެއްވެސް މަސައްކަތެއްކޮށްފައިނުވާ، ސޯލްޝެއާ އެނބުރި ކޯޗިންއަށް އަންނާނީ ތުރުކީ ސުޕަ ލީގުގެ ކްލަބް ބެސިކްޓާސްގެ ކޯޗުގެ ގޮތުގައެވެ. އެ ކްލަބުގެ ކޯޗުކަމުގެ މަގާމް ސޯލްޝެއާއަށް ދިނުމަށްވަނީ ނިންމާފައެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަކިވި ފަހުން، ގިނަ ހުށަހެޅުންތަކެއް ލިބުނުނަމަވެސް އެއްވެސް ހުށަހެޅުމެއް އޭނާ ގަބޫލު ނުކުރެއެވެ.
ބެސިކްޓާސްގެ ކޯޗުކަމުން މިދިޔަ ނޮވެމްބަރު މަހު، ޖިއޮވާނީ ވެން ބްރޮންކޯސްޓް ވަކިވި ފަހުން، އެ ޓީމުން ކުރިއަށްދިޔައީ، ވަގުތީ ކޯޗު، ސަރުދާރު ތޮކްރަޕްތެޕޭއާއެކު އެވެ. އެކަމަކު، އެ ކްލަބްގެ މެނޭޖްމަންޓުން ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތުގައި ސޯލްޝެއާއާ އެ ޓީމު ހަވާލުކުރަން ނިންމީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ސޯލްޝެއާ އެ ކްލަބާ ހަވާލުވާނީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.