
ދެމިނެޓާ ބައިގެ ޓްރެއިލަރގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބު އުސް އެތައް ތަރިންނެއް ފެނެއެވެ. ނަމަވެސް އެންމެންގެ ލޯ ހުއްޓުނީ ލީޑު ދެތަރިންނަށެވެ. ސާމީ ހުސެއިން އާއި އައިޝަތު ރާއިޝާ (ރާއީ) ގެ ޖޯޑަށެވެ. ދެތަރިންގެ ހުނަރަށާ ފުރިހަމަ ކެމިސްޓްރީއަށެވެ.
ސާމީ ވަނީ މީގެ ކުރިން ޑާކް ރެއިންގެ ބައެއް އުފެއްދުންތަކުގައި އެކްސްޓްރާއެއް ގޮތަށް މަސައްކަތްކޮށްފައެވެ. ރާއީ ވަނީ ކުރިން ކުރު ފިލްމެއް ކުޅެފައެވެ. ނަމަވެސް ދިހަ އެޕިސޯޑްގެ “ހިންތާ”ގެ ލީޑުންނަކީ މި ދެތަރިންނެވެ.
ޓްރެއިލަރއިން ފެނުނު މަންޒަރުތަކަށް ބަލާފަ އެއްޗެކޭ ބުނަންޏާ ބުނެވޭނީ ސާމީ އާއި ރާއީއަކީ މިވަގުތު ރާއްޖޭގެ ފިލްމީ ދާއިރާގެ އެންމެ ޓޮޕްގައި ތިބި ދެތަރިން ކަމަށެވެ. އެހާވެސް ހުނަރުވެރިއެވެ. އެކްޓިން ނެޗްރަލްއެވެ. ހާއްސަކޮށް ރާއީ ކުޅޭ ޔުމްނާ ކެރެކްޓަރގެ އާރކް ޓްރެއިލަރއިން ވަރަށް ފުރިހަމައަށް ފެނިގެންދެއެވެ.
ލޯބިވެރިއަކުން ފެށިގެން ކޯޕަރޭޓް ޓޮޕް މަގާމެެއްގައި ހުރެ ނަގަންޖެހޭ ޑިޝިޝަންތަކާ އެކު ކެރެކްޓަރއަށް އަންނަ ބަދަލުތަކާއެކު މާޔޫސްވެ ހިތާމަވެރިކަން އިހްސާސްކުރަން ޖެހޭ ވަގުތުތައް ފެނިގެން ދިޔައިރު ރާއީގެ އެކްޓިންގައި އެއްވެސް ކޮށި ކަމެއް ނެތެވެ.
ސާމީވެސް ފެނުނީ ސައިޑް ރޯލްތަކަށްވުރެ ބޮޑަށް ހަމަ ލީޑުން ފެންނަން ޖެހޭ ތަރިއެއް ގޮތަށެވެ. އެއްކާފާއި ރަވީ ފާރޫގު އަހަރުމެންނާ ހަމައަށް މި ގެނެސްދެނީ ދިވެހި ފިލްމީ އިންޑަސްަޓްރީގެ ނެކްސްޓް ޕަވަރ ކަޕްލްކަން ޔަގީނެވެ.
ދުނިޔޭގެ އެންމެ ބޮޑު ފިލްމް ޑޭޓާބޭސް އައިއެމްޑީބީގައި “ހިންތާ”ގެ ޕްލޮޓް ސަމަރީގައި ބުނަނީ “މިއީ ނުފޫޒްގަދަ ޖޯޑު ޔުމްނާ އާއި ޝިޔާޒްގެ ވާހަކައެވެ. އަދި ގައުމުގެ ތެލުގެ ވިޔަފާރިކުރާ އެންމެ ބޮޑު ކުންފުނީގެ އެތެރޭގައި މޫ ލާފައިވާ ކޮރަޕްޝަންގެ ބޮޑު ވިއުގައެއް ޔުމްނާ ފަޅާއަރުވާލާ ހިސާބުން އެދެމީހުންގެ ކައިވެންޏަށް އަރާ ލޮޅުމެވެ.
ހިންތާ ވީޑިއޯ ކްލަބުން ސްޓްރީމް ކުރަން ފަށާނީ ޖެނުއަރީ 30 ގައެވެ.