
ޒުވާނުންގެ މެދުގައި ބާސްކެޓްބޯޅައަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ މާރިޗު 13 އިން 19 އަށެވެ.
މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަންގައި ޖުމުލަ 6 އުމުރުފުރާއެއްގެ ޓީމުތަކުން ވާދަކުރާނެއެވެ. މި އުމުރުފުރާތަކަކީ، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. މުބާރާތުގެ މައިގަނޑު މަގުސަދަކީ ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް ހުނަރުތައް ދައްކާލައި، އެ ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުން ކަމަށް މުބާރާތުގެ އިންތިޒާމުކުރާ ފަރާތުން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ބާސްކެޓްބޯޅަ ފަދަ މަގުބޫލު ކުޅިވަރުތައް ކުރިއެރުވުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަހަރު ސްޕޮންސަރ ކުރަނީ 3X3 ޗެލެންޖް ބާސްކެޓް މުބާރާތެވެ. ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި މިފަދަ މުބާރާތްތަކަށް އެހީތެރިވުން ހިމެނެއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތަށް ގިނަ ޓީމުތަކުން ވަނީ ރަޖިސްޓްރީ ކޮށްފައިކަމަށާއި، މުބާރާތުގެ ފެންވަރު މިފަހަރު ރަނގަޅުވާނެކަމަށް މުބާރާތް އިންތިޒާމުކުރާ ފަރާތުން އުންމީދު ކުރެއެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން، ގިނަ ޓީމުތަކުން ވަނީ އެކި އެކި ސަރަހައްދުތަކުގައި ތަމްރީނުތައް ފަށާފައެވެ.