
ކަސްޓަމްސް އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެކަމަކު ފެނުނީ ކިހާ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ކަމާއި އެ މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސް އަދި ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި މިތަކެތި އެއާޕޯޓުން ބޭރުކުރަން އުޅުނީ ފުލުހެކެވެ. އެ މައްސަލާގައި ފުލުހުން އެދިފައި ވަނީ ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދާށެވެ.
ސިނގިރެޓް ގަވާއިދާ ހިލާފަށް އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވަނީ ސަރުކާރުން ސިނގިރެޓްގެ އަގުބޮޑުކުރުމާއި ގުޅިގެންނެވެ. އެގޮތުން މާލޭގައި ހުރި ބޮންޑެޑް ވެއަރ ހައުސްއެއްގައި ރައްކާކޮށްފައި ހުރި ސިނގިރެޓްތަކެއް ވެސް ބޭރުކުރި މައްސަލައެއް ފެންމަތިވިއެވެ.