
މި ޕްރޮގްރާމަކީ މީދޫ އަވަށު އޮފީހާއި ޔޫސުފް ނާއިބް ފައުންޑޭޝަން ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.
އެއް މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ހަތް އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިންނަށް ވުލޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ އެއްޗިއްސާއި ހަރަކާތްތަކުގެ އިތުރުން އިސްލާމީ އަދަބުތައް ދަސްކޮށްދޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. މި ޕްރޮގްރާމުގައި އުގަންނައިދޭނީ މީދޫގެ މިސްކިތްތަކުގެ އިމާމުންނާއި ޝެއިހުން ކަމަށް ވެސް ކައުންސިލުން ހާމަކޮށްފައިވެ އެވެ.
ޕްރޮގްރާމުގައި ކުދިން ބައިވެރިކުރުމަށް މި މަހުގެ 30 ގެ ކުރިން ނަން ނޯޓުކުރުމަށް ކައުންސިލުން އެދިފައިވެ އެވެ. ނަން ނޯޓުކުރުމަށް 7786362، 7789041، ނުވަތަ 9954042 އަށް ގުޅުމަށް ކައުންސިލުން އަންގައިފައިވެ އެވެ. މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިން މިސްކިތަށް އަހުލުވެރިކުރުވުމާއި، އިސްލާމީ ރިވެތި އަހުލާގު ކުދިންގެ ހިތްތަކުގައި އަށަގެންނެވުން ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.