
މިނިސްޓަރު މިކަން ފާހަގަކުރެއްވީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ހުރިހާ ސްކޫލްތަކުން ގުޅިގެން ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި، އަތޮޅުތެރޭގެ ސްކޫލްތަކުގައިވެސް ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް މި ހަރަކާތްތައް ބެލެނިވެރިންނާއި ޓީޗަރުންނަށް ބުރަނުވާނެހެން، ވީހާވެސް ހަރަދުކުޑަކޮށް ކުރިއަށް ގެންދިއުމަށް ރޭވުމަށްވެސް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސްކޫލް ފެންވަރުގައި ހާއްސަ އެސެމްބްލީތަކާއި އިތުރު ހަރަކާތްތައްވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މި ހަރަކާތްތައް މެދުވެރިކޮށް ކުޑަކުދިންނަށް އެކުދިންގެ ހައްގުތައް ކިޔާދީ، އެ ކުދިންނާ މެދު މައިންބަފައިންނާއި މުޖުތަމައު އަދި ގައުމު ދެކޭ ހުވަފެންތައް ކިޔާދިނުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ.