
"ހޯޓަރްފްލައި" އާއެކު ކުރި އިންޓަވިއުއެއްގައި ޖާންވީ ވަނީ އަންހެނުންގެ ޝުއޫރުތަކާމެދު ފިރިހެނުން ދައްކާ ނުރަނގަޅު އަމަލުތަކާ ބެހޭގޮތުން ވާހަކަދައްކާފައެވެ. ޖާންވީ ވަނީ ފިރިހެނުންނަށް ޕީރިއަޑްސްގެ ވޭނާއި މޫޑު ބަދަލުވުން އެއް މިނެޓަށްވެސް ބަރުދާސްތެއް ނުކުރެވޭނެ ކަމަށް ބުނެފައެވެ.
ޖާންވީ ވަނީ ފިރިހެނުން އަންހެނުންގެ ޝުއޫރުތައް ދަށްކުރުމަށް "އެއީ މަހުގެ އެ ދުވަސްތަކުތަ؟" ފަދަ ޖުމުލަތައް ބޭނުންކުރާ ގޮތާމެދު ފާޑުކިޔާފައެވެ.
އޭނާ ބުނިގޮތުގައި މިފަދަ ޖުމުލަތަކުން އަންހެނުންގެ ޝުއޫރުތައް ދަށްކޮށް، ޖިންސީ ތަފާތުކުރުން އިތުރުކުރެއެވެ. ޖާންވީ ވަނީ ހަގީގީ ހަމްދަރުދީ ބަލައިގަންނަ ނަމަވެސް، ދަށްކުރުމުގެ ރާގުގައި ދައްކާ ވާހަކަތަކުން ޖިންސީ ތަފާތުކުރުން އިތުރުވާ ކަމަށް ބުނެފައެވެ.
ޖާންވީގެ މި ވާހަކަތައް ސޯޝަލް މީޑިއާގައި ގިނަ އަންހެނުންގެ ތާއީދު ލިބި، މުޖުތަމައުގައި ޕީރިއަޑްސްއާ ގުޅޭ ނުރަނގަޅު ވިސްނުމާ ދެކޮޅަށް އަޑުއުފުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.
މިހާރު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ" އަދި "ޕަރަމް ސުންދަރީ" ފިލްމުތަކުގެ ޝޫޓިންގައި އުޅޭ ޖާންވީ ވަނީ އަންހެނުންގެ މައްސަލަތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ބޮލީވުޑްގެ އަޑުގަދަ ތަރިއަކަށް ވެފައެވެ.