
އިމާރާތުން ވެއްޓިފައި އޮތް ކުއްޖާގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެެއްގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ އަންހެން ކުއްޖާއާއި އެކު ހުރި 21 އަހަރު އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ އޭނާ ބަދު އަހްލާގީ އަމަލު ހިންގާތަން ފެންނަ ވީޑިއޯ ހުރިކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ވަނަވަރުވެސް ފުލުހުން ނުބުނެއެވެ.
މިކަމާއި ގުޅިގެން އަންހެން ކުއްޖާއަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމައްޗަށް އެއްވެ އަޑު އުފުލާފައެވެ. އެ ޒުވާނުން ގޮވަމުން ދިޔައީ ބޮޑު މީހާއަށް ބޮޑުގޮތް ކުޑަ މީހައަށް ކުޑަ ގޮތް ހެދުން ދޫކޮށްލުމަށެވެ.
ޒުވާނުން ރޭ ކުރި މުޒާހަރާގެ ތެރެއިން
މި މުޒާހަރާގެ ފޮޓޯތަކެއް ހިއްސާކުރައްވަމުން މެމްބަރު އަހުމަދު އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ
މި ޒުވާނުންގެ އަޑު ސަރުކާރުން އަހަން ޖެހޭކަމަށެވެ. އަދި ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތު ތަކުގައި ސުވާލު އުފެދޭ އެތައް ކަމެއް އެބަހުރިކަމަށްވެސް އަޒާން ވިދާޅުވިއެވެ.
އަންހެން ކުއްޖާ ވެއްޓުނު މައްސަލާގައި މިއަދު ފުލުހުންގެ އިސްވެރިން ނޫސްވެރިންނާއި ބައްދަލުކުރަން ވަނީ ނިންމާފައެވެ. މި ބައްދަލުވުން އޮންނާނީ މިއަދު 10:00 ޖަހާއިރުއެވެ.
އިއްޔެ ރޭ ފުލުހުން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަވުމުގައި ބުނީ އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. އަދި އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެ ކުއްޖާ ހުރީ މަސްތުގައިކަމަށް ބެލެވޭކަމަށްވެސް ވަނީ ބުނެފައެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.