
އިމާރާތުން ވެއްޓިފައި އޮތް ކުއްޖާގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މިކަމުގައި ދެން ހިމެނޭ އެއްވެސް މީހެެއްގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި އެ އަންހެން ކުއްޖާއާއި އެކު ހުރި 21 އަހަރު އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ އޭނާ ބަދު އަހްލާގީ އަމަލު ހިންގާތަން ފެންނަ ވީޑިއޯ ހުރިކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ވަނަވަރުވެސް ފުލުހުން ނުބުނެއެވެ.
މިކަމާއި ގުޅިގެން އަންހެން ކުއްޖާއަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމައްޗަށް އެއްވެ އަޑު އުފުލާފައެވެ. އެ ޒުވާނުން ގޮވަމުން ދިޔައީ ބޮޑު މީހާއަށް ބޮޑުގޮތް ކުޑަ މީހައަށް ކުޑަ ގޮތް ހެދުން ދޫކޮށްލުމަށެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވަނީ މި މައްސަލައިގައި މަޖިލީހުން ތަހުގީގެއް ހިންގާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އަޒާން ވިދާޅުވީ މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވަނީ އާންމުކޮށް މިފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރާ ގޮތާ ތަފާތުކޮށްކަން ފާހަގަކުރެވޭކަމަށެވެ.
އެހެންކަމުން މި މައްސަލައިގެ މައުލޫމާތު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބުނު ހިސާބުން ފެށިގެން އެ މުއައްސަސާގެ ފަރާތުން އަމަލުކޮށްފައިވާ ގޮތުގެ އިންކުއަރީއެއް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން 241 ކޮމެޓީ މެދުވެރިކޮށް ކުރިޔަށް ގެންގޮސްދިނުމަށް އަޒާން ވަނީ އެދިފައެވެ.
އިއްޔެ ރޭ ފުލުހުން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަވުމުގައި ބުނީ އެ އަންހެން ކުއްޖާ ވެއްޓިފައިވަނީ މީހެެއްގެ ބައިވެރިވުމަކުން ނޫންކަން މިހާތަނަށް ބެލި ސީސީޓީވީ ފުޓޭޖްތަކުން ދެނެގަނެވިފައިވާކަމަށެވެ. އަދި އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށާއި އެ ކުއްޖާ ހުރީ މަސްތުގައިކަމަށް ބެލެވޭކަމަށްވެސް ވަނީ ބުނެފައެވެ. ފުލުހުން ބުނީ އަންހެން ކުއްޖާ ވެއްޓުނީ މީހަކު ކޮށްޕާލައިގެން ނޫންކަން ތަހުގީގަށް މިހާރު ޔަގީން ކުރެވިފައިވާކަމަށެވެ.