
އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުންމެވެ.
ރައީސް މުއިއްޒު ވިދާޅުވީ ޔުމްނު ވެއްޓުނު ހާދިސާ އަކީ ހިތާމަވެރި ހާދިސާއެއް ކަމަށެވެ. އެ ހިތާމަވެރި ހާދިސާއަށް ވިސްނާލާއިރު އެކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ޕްރޮމޯޓް ކުރި މީހުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާން ކުދިން އެމަގުން ދިޔައީ ސިޔާސީ އޮއިވަރެއްގައި ޖައްސައިގެންކަމަށެވެ. އެގޮތުން އިސްލާމް ދީނުގެ އުސޫލުތަކާއި ދިވެހިންގެ ރީތި އާދަތަކުން ނެރެން މަސައްކަތް ކުރިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަދިވެސް އެކަން ކުރަމުން އަންނަކަން ފާހަގަކޮށް ރައީސް މުއިއްޒު ވިދާޅުވީ އެކަމުގެ ސަބަބުން ވިކްޓިމައިޒް ވެފައި ތިބި ޒުވާނުންތަކެއްގެ ބޭނުންކޮށްގެން ސިޔާސީ ފައިދާ ނަގަން އުޅޭ އުޅުމުގެ ތެރެއަށް ރައްޔިތުން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ކާކުކަން ނޭނގޭ މީހުން ފަތުރާ ދޮގު ވާހަކަތަކުގައި ޖެހި، އެ ދޮގުތަކުގެ އަޅުންގެ ގޮތުގައި ވެގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އޮތް އޮޕްޝަނެއް ނުވަތަ ޗޮއިސެއްވެސް ނޫންކަމަށާއި އެއީ ޒިންމާއެއް، ވާޖިބެއްކަމަށް ރައީސް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު ހާދިސާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔިންތައް އަމާޒުވުމުން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށް 7 މީހެއް ފޯނާއި ޕާސްޕޯޓް ހިފަހައްޓާފައެވެ. އޭގެތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުން ހިމެނެއެވެ. އަދި މި ހާދިސާގައި ހިމެނޭ ކުދިން މަސްތުވެ ޕާޓީކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ ގޭގައެވެ. އަދި ޕާޓީކުރުމުގައި މިނިސްޓަރު އަމީނަށް ބޮޑުބޭބެ ކިޔާ މީހެއްވެސް ހިމެނެއެވެ.