
ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގާމެދު އިތުބާރު އުފެދުމުގެ ބަދަލުގައި އިތުބާރު ގެއްލެމުންދާކަމުގެ ކަންބޮޑުވުން އޮތްކަމަށްވެ.
މި މަހުގެ 18 ވީ ހުކުރު ވިލޭރޭ ހެންވޭރުގެ ގެއެއްގެ އުސް އިމާރާތަކުން، ޖެހިގެން ހުރި އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓުނު ޔުމްނު ފެނުނީ އޭގެ އަނެއް ދުވަހުއެވެ.
މި މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރަމުން ޑިމޮކްރެޓްސް އިން ފާހަގަކޮށްފައިވަނީ އާއިލާއިން އެދެމުން ދިޔަ ނަމަވެސް، ރޭޕް ކިޓް ނުހަދާ ލަސްކުރުމަށްފަހު، އެ ޓެސްޓް ހަދާފައިވަނީ ވެސް އެ ވާހަކަ ސޯޝަލް މީޑިއާގައި ހާމަކުރަން ފެށުމުންކަމަށެވެ.
އިތުރު ކަންބޮޑުވުންތަކުގެ ގޮތުގައި އެ ޕާޓީން ފާހަގަކޮށްފައި ވަނީ، ކުރިޔާ ހިލާފަށް މި މައްސަލާގައި އަނިޔާލިބުނު އަންހެންކުއްޖާގެ ވަނަވަރު އެކަނި ހާމަކުރުމަށްފަހު، އެ ކުއްޖާއާ އެކު އެރޭ ހޭދަކުރި އެހެން މީހުންގެ ވަނަވަރު ސިއްރުކުރުމަށް މަސައްކަތްކުރާކަމާއި، މައްސަލައިގައި ފުލުހުންނަށް ޖަވާބުދެވެން ނެތް ސުވާލުތަކެއް ހުއްޓަސް ފުލުހުން އަވަސްވެގަތީ އިތުރު މީހެއްގެ ބައިވެރިވުމެއް ނެތްކަން ހާމަކުރުމަށް ކަމަށް ޑިމޮކްރެޓްސް އިން ދައްކަނީ ކަންބޮޑުވުމެވެ.
ޑިމޮކްރެޓްސް އިން ގޮވާލައިފައިވަނީ އިންސާފުވެރި ތަހުގީގެއް ހިންގުމަށާއި އަނިޔާލިބުނު ފަރާތަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ދުއާކުރާ ކަމަށެވެ.