
މިފަދައިން މޭޔަރު ވިދާޅުވީ މިއަދު ސޮލައިޓް ރެސްޓޯރަންޓުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވި ސަސްޓޭނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޭޔަރު އާޒިމް ވިދާޅުވި ގޮތުގައި އޮގަނައިޒޭޝަންތަކާއި މުއައްސަސާތަކުގެ އެންމެ އަގުބޮޑު ރައުސްމާލަކީ އެތަނެއްގެ މުވައްޒަފުންނެވެ. އަދި މި ވޯކްޝޮޕްގެ މައިގަނޑު ބޭނުމަކީ ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް މާލެ ސިޓީގެ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށާއި، ރެއާއި ދުވާލު ކުރާ ކޮންމެ މަސައްކަތެއްގެ މައިގަނޑު އަމާޒަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.
މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، މާލެ ސިޓީގެ ކައުންސިލަރުންނާއި ވެރިންނާއި ހުރިހާ މުވައްޒަފުން ފޯރިއާއި ޖޯޝާއެކު މަސައްކަތް ކުރަމުންދަނީ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަށް ހުރިހާ ގޮތަކުން ރަނގަޅު، ފުރިހަމަ އަދި އަވަސް ހިދުމަތްތަކެއް ދިނުމަށް ކަމަށެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ މުވައްޒަފުން ހިދުމަތަށް އަހުލުވެރިކުރުވުން ކަމަށާއި، ރަނގަޅު ހިދުމަތެއް ދިނުމަށްޓަކައި ހުރިހާ ގޮތަކުން އިންސާނީ ވަސީލަތްތައް ފުރިހަމަ ވާންޖެހޭނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.