ads
ރައީސް މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުން
ރައީސްގެ އިލްތިމާސް: ބޭރު ގައުމެއްގައި ކިޔެވިޔަސް ދީނުގެ ހަމަތައް ދޫކޮށްނުލާތި
ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ކިޔެވިޔަސް އިސްލާމީ އުސޫލުތައް ދޫކޮށްނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސް ކުރައްވައިފި އެވެ.
Advertisement

މެލޭޝިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބޭރު ގައުމަކަށް އައިސް އުޅުނު ނަމަވެސް އަމިއްލަ އައިޑެންޓިޓީގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

އެގޮތުން ބައެއް ކިޔަވާ ކުދިންނަށް ބޭރު ގައުމުތަކުގައި އުޅޭއިރު އެ ގައުމެއްގެ މުޖުތަމައުއެއްގެ ތެރޭގައި އޮންނަ ޓްރެންޑްތަކާ އެއްގޮތަށް އުޅެވި، ދީނުގެ ހަމަތައް ދޫކޮށްލެވޭ ގޮތްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެހެންވިޔަ ނުދެއްވާށޭ. އަބަދުވެސް ހަނދާން ބަހައްޓައްޗޭ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ތިބި ބައެއްކަން. އެކަން ފުރިހަމައަށް ހަނދާނުގައި ބަހައްޓައިގެން އަމަލުކުރަމުން ދައްޗޭ. އޭރުން ދެން ހުރި ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް. ބަރާބަރަށް ނަމާދު ކުރުމާއި ދެން ހުރި ހުރިހާ ކަމެއް ވެސް ކުރަމުންދާށޭ،" ރައީސް ވިދާޅުވި އެވެ.

މައިންބަފައިންނާއި އާއިލާއާ އެކު އުފާވެރިކަން ހޯދަންޖެހޭނެ ކަމަށާއި އެކަމަކު އެ އުފާވެރިކަން ވެސް ހޯދަން ވާނީ ދީނުގައި އޮންނަ ހަމަތަކުގެ ތެރެއިން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބޭރު ގައުމުތަކަށް ގޮސް ކިޔަވަނީ އަމިއްލަ ނަފުސާއި މައިންބަފައިންނަށް ހިތްހަމަޖެހުން ހޯދައިދޭން ކަމަށާއި ގައުމަށް ރީތި ނަން ހޯދައިދޭން ކަމަށެވެ.

މެލޭޝިއާއަކީ މިހާރު ރާއްޖެއިން ބޭރުގައި އެންމެ ބޮޑު ދިވެހި އާބާދީ އޮތް ގައުމެވެ. އެހެންކަމުން އެ ހުރިހާ ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބޭއްވުމަށާއި، އެހެން ނޫންނަމަ ނިކަމެތިކަން އަންނާނެކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން އެމަނިކުފާނަށް ހުށައަޅަން ބޭނުންވާކަންކަން ހުށައެޅުމުގެ ފުރުސަތު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވެފަ އެވެ. މިގޮތުން އެމްބަސީ މެދުވެރިކޮށްވެސް ރައްޔިތުން ބޭނުންވާކަންކަން ހުށައެޅޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ކޮންމެ ގައުމެއްގައި ދިވެހިން އުޅުނުނަމަވެސް، ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ހިދުމަތްދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށްވެސް ރައީސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް