
ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރު ވާނުވާގައި 300 އަށްވުރެ ގިނަ މީހުން ތިބިކަމަށާއި، އޭގެ ތެރޭގައި ހައެއްކަ އަހަރުވެފައި ތިބި މީހުންވެސް ހިމެނޭ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ވާނުވާގައި ތިބޭ މީހުންނަކީ އަދި ކުށްވެރިން ނޫންކަމަށާއި، ކުށްވެރިއެއްތޯ ކަނޑައެޅުމުގެ މަރުހަލާގައި ތިބޭ މީހުންކަމަށެވެ. ވާނުވާގައި ތިބި މީހުންގެ ތެރެއިން ޖިންސީ ކުށުގެ ތުހުމަތުގައި ތިބި 100 އެއްހާ މީހުން ފިޔަވައި އެހެން މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ވަރު މީހުން އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއްގެ ތެރެއިން "ޓެގް" އަޅުވައިގެން ދޫކުރެވޭނެތޯ ބެލުމަށް ފުލުހުންނާއި، ޕީ.ޖީއާއި، އޭ.ޖީއާ އެކީގައި މަސައްކަތްތަކެއް ކުރަން ހަވާލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ވާނުވާގައި ތިބި މީހުންގެ މައްސަލަ ހައްލުކުރުމަށް ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި 11 ކޯޓުރޫމް ހިމެނޭ ކްރިމިނަލް ކޯޓެއް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރެއިން ކުދިކުދި ކުށްތައް ނުވަތަ ބަލިކަށި ހެކިހުރި ފަރާތްތަކުގެ މައްސަލަތައް ކޭސް ބައި ކޭސް ބަލައި، ޕީ.ޖީއިން އަނބުރާ ގެނެވެންހުރީ ކޮން މައްސަލަތަކެއްތޯ ބެލުމަށްވެސް އަންގާފައިވާ ކަމަށެވެ.