
އިންޑިއާގައި ބޭއްވުނު ބެޓަލް އޮފް ދި ބޭންޑްސް އިންޓަނޭޝަނަލް މުބާރާތުން 3 ވަނަ ހޯދުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ މި ޝޯއަކީ އެ ބޭންޑަށް ހިތްވަރުދީ ސަޕޯޓުކުރި ދިވެހި ރައްޔިތުންނަށް ބާއްވާ ޝޯއެއްކަމަށް ބޭންޑުން ބުންޏެވެ.
ޓޫ އޮފް އަސްގެ މި ޝޯ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ރޭގަނޑު 8:00 ގައި އޮލިމްޕަހުގައެވެ. މި ޝޯގައި އިންޑިއާގެ މަޝްހޫރު ބޭންޑެއްގެ ހުށައެޅުމަކާއި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ޝްރަދާ ޕަންދިތުގެ ހުށައެޅުމެއްވެސް ހިމެނޭނެކަމަށް ބޭންޑުން ބުންޏެވެ. މީގެ އިތުރުން ރާއްޖެއާއި އިންޑިއާގެ އެހެން މަޝްހޫރު ފަންނާނުންގެ ހުށައެޅުންތައްވެސް ކުރިއަށްދާނެކަމަށް އެ ބޭންޑުން ހާމަކުރިއެވެ. މި ޝޯއަށް ވަނުމަށް ޓިކެޓު ނެގޭނެ ގޮތް ފަހުން އިޢުލާންކުރާނެކަމަށްވެސް ބޭންޑުން ބުންޏެވެ.
ބެޓަލް އޮފް ދި ބޭންޑްސް އިންޓަނޭޝަނަލް މުބާރާތުގައި އެކި ގައުމުތަކުން 12 ބޭންޑެއް ވާދަކުރިއިރު، ޓޫ އޮފް އަސްއިން ހުށައެޅި ލަވަތަކަށް ޖަޖުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ މަޝްހޫރު ކޮމްޕޯސަރު އަނޫ މަލިކްވެސް ވަނީ ޓޫ އޮފް އަސްއަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމަށް ބުނެފައެވެ.
ޓޫ އޮފް އަސްއިން ހޯދި މި ކާމިޔާބީއަކީ މިހާތަނަށް ދިވެހި ބޭންޑަކުން ބައިނަލްއަގުވާމީ މުބާރާތެއްގައި ބައިވެރިވެ ހޯދި މިފަދަ އެންމެ ބޮޑު ކާމިޔާބީއެވެ.