
ސިންގަޕޫރު ފޮރިން މިނިސްޓްރީން ބުނީ މި ސަރަހައްދުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ހަނގުރާމަވެރި ހާލަތާ ގުޅިގެން ސަލާމަތީ ކަންބޮޑުވުންތައް އިތުރުވެފައިވާ ކަމަށެވެ. މިހާރު ރާއްޖޭގައި ތިބި ސިންގަޕޫރު ރައްޔިތުންވެސް ހިމެނޭހެން ވަނީ ފަރުވާތެރިވުމަށާއި، އާންމު އެއްވުންތަކުން ދުރުހެލިވުމަށާއި، ރާއްޖޭގެ ލޯކަލް މީޑިއާއިން އަޕްޑޭޓްތައް ބެލުމަށާއި، އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވުމަށް އިރުޝާދު ދީފަ އެވެ. އަދި ސިންގަޕޫރު ފޮރިން މިނިސްޓްރީގެ އީރެޖިސްޓާ ސިސްޓަމްގައި ރަޖިސްޓަރީވުމަށާއި، ފުރިހަމަ ދަތުރުފަތުރުގެ އިންޝުއަރެންސް ހޯދުމަށްވެސް އިރުޝާދު ދީފައިވެއެވެ.
އެހީތެރިކަން ބޭނުންވާ ސިންގަޕޫރު ރައްޔިތުންނަށް ސިންގަޕޫރު ފޮރިން މިނިސްޓްރީގެ ޑިއުޓީ އޮފީހާ +65 6379 8800/8855 ނަންބަރުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ގުޅުމަށް އިރުޝާދު ދީފައިވެއެވެ.
ސިންގަޕޫރު އެއާލައިންސްއިން ވަނީ ސަރަހައްދުގެ ސެންސިޓިވް އެއާސްޕޭސްތަކުން ދުރުހެލިވާގޮތަށް ފްލައިޓް ރޫޓްތައް ބަދަލުކޮށްފައެވެ. އަދި ސިންގަޕޫރުގެ ޓްރެވަލް އޭޖެންސީތަކުން ރާއްޖެއަށް ކުރާ ޓުއާ ޕެކޭޖްތައް ވަގުތީގޮތުން ހުއްޓާލައި، ފައިސާ އަނބުރާ ދިނުމަށް ނުވަތަ އެހެން މަންޒިލްތަކަށް ބަދަލުކުރުމަށް ވެސް އެދިފައިވެއެވެ.