
އައްޑޫ ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން، އަޒާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެގޮތުން އޭނާ ވިދާޅުވީ އައްޑޫ ހޮސްޕިޓަލުގައި ގާއިމްކުރެވިފައިވާ ކެތު ލެބެއް ގާއިމްކޮށްފައިވީ ނަމަވެސް އަދިވެސް އެ ތަނުން ހިދުމަތް ދޭން ނުފަށާ ކަމަށެވެ.
އެހެންވެ އެ ކަން ނުފެށި ލަސްވާ ސަބަބު އޮޅުން ފިލުވަން ހެލްތު މިނިސްޓަރާ ސުވާލުކުރުމަށް ހުށަހެޅީ ކަމަށް ވިދާޅުވި އެވެ.
އައްޑޫ ހޮސްޕިޓަލުން މިދިޔަ އަހަރު އިމަޖެންސީގައި މާލެއަށް ފޮނުވި ކޮންމެ ފަސް މީހަކުން އެކަކަކީ ކާޑިއެކް އެމަޖެންސީގެ ސަބަބުން ފޮނުވަން ޖެހުނު މީހުން ކަމަށް އަޒާން ފާހަގަކުރެއްވި އެވެ.
އޭއީއެޗްގެ ކެތު ލެބްގެ މަސައްކަތް ނިންމައިލީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެތަނުން ކޮރޮނަރީ އެންޖިއޯގްރަފީ އާއި އިންވޭސިވް އަދި ނޮން-އިންވޭސިވް ފަރުވާތައް ދެވޭނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
އޭއީއެޗްގެ ކެތު ލެބް އައުޓްސޯސްކޮށްގެން ހިންގަން ހޮސްޕިޓަލުން ކުރިން މަސައްކަތްތަކެއްކޮށްފައިވާ އިރު، އެކަމަށް އޭޑީކޭ ހޮސްޕިޓަލުން ޝައުގުވެރިކަން ފާޅުކޮށްފައިިވެ އެވެ.
ނަމަވެސް މިހާތަނަށް ކެތު ލެބްގެ ހިދުމަތާ ގުޅޭ ގޮތުން އޭއީއެޗުން ވަކި ގޮތެއް ނުނިންމަ އެވެ.
އައްޑޫ ސިޓީއަކީ މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ސިޓީއެެވެ. އެ ސިޓީގައި އެންމެ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ބޮޑެތި މައްސަަލަތައް އަންނަނީ ކުރިމަތިވަމުންނެވެ.