
ނުވެސް ދަންނަ މީހެއްގެ ދުލުން ބުނެލި ޖުމުލަތަކުން ފިޒާގެ ދުނިޔެ އެފުށް މިފުށަށް ޖެހުނީ އެވެ. ސިކުނޑީގައި ކެކިގަތް ނަފްރަތުގެ އަލިފާންގަނޑު ފިޒާގެ ހަމަބުއްދި ފިލުވާލި އެވެ. ނާރުތަކުގައި ލޭ ކެކިގަތެވެ. ލިބުނު ބާރުގައި ކޮޅަށް ތެދުވެ، އެމީހާއާއި ދިމާއަށް ދުއްވައިގަނެވުނު ގޮތެއްވެސް ފިޒާއަކަށް ނޭގެ އެވެ. އަތް ދަމާފައި އެމީހާގެ މޫނުމަތީގައި ތިންހަތަރު އެތިފަހަރު އއަޅުވާލެވުނީ ކިހިނެއް ލިބުނު ބާރަކުންކަން ބުނެދޭން ދުވަހަކުވެސް ފިޒާއަށް ނޭގޭނެ އެވެ.
ޔަގީންވަނީ އެންމެ ކަމެކެވެ. ޖެހިޖެހީނުން، ފިޒާގެ އަތްތިލަ އައްސިވެއްޖެ އެވެ. އެމީހާގެ މޫނުމަތީގައި ފިޒާގެ އިނގިލިތަކުގެ ނިޝާން ހަރުލައިފި އެވެ.
"ޝަޓް އަޕް..! ޝަޓް ދަ **އޕ..!! ކަލޭތީ ކާކު..؟ ކަލޭ ތިކިޔަނީ ކީކޭ..؟ ކަލޭތީ ކާކުކަން އަހަރެން ނުވެސް ދަންނަން.. އަހަރެން ދުވަހަކުވެސް ކަލޭ ނުވެސް ދެކެން..! އެކަމަކު ދުނިޔޭގެ އެންމެ ހުތުރުވެގެންވީ ބަދުނާމުން އަހަރެންގެ ބޮލުގައި ކަލޭ ބޮޑެތި އިލްޒާމްތައް ތިއަޅުވަނީ ކޮން ސަބަބަކަށްޓަކައި..؟ ތިކުޅޭ ހުތުރު ޑްރާމާ ހަމަމިވަގުތު ހުއްޓާލާ..! އަހަރެންގެ މުޅި ދިރިއުޅުން ސުންނާފަތިކޮށްނުލާ ހަމަމިހާރު ކަލޭ އަހަރެންގެ ކުރިމަތީން ދާންއުޅޭ..! އަހަރެންނާއި އަހަރެންގެ ފިރިމީހާގެ ގުޅުމުގައި މައްސަލަތައް އުފައްދައި މި ގުޅުން ފުނޑާލުމުން ކަލެއަށް މިދުނިޔޭގައި ލިބޭނީ ކޯންޗެއް..؟ އަހަރެންގެ ކައިވެނި އޮޅުންބޮޅުންކޮށް، ބަރުބާދުކޮށްލަން ކަލެއަށް އަހަރެން ފުރުސަތެއް ނުދޭނަން..!"
ނުދަންނަ ފިރިހެން މީހާގެ ކުރިމަތީ ހުއްޓިހުރެ، ފިޒާ ހަޅޭއްލަވަމުންދިޔައިރު އޭނާގެ އަޑު ނިކުންނަނީ ކިރިޔަކކިރިޔާ އެވެ. ރުޅިގަދަވެގެން މީހާ ތުރުތުރު އަޅަނީ އެވެ. ހިތްދަތިކަމާއި އެތައް އިހްސާސަކުން ފިޒާގެ ހިތް ކުދިކުދިވެ މާޔޫސްވެފައިވާކަން ސާފުކޮށް އެގެ އެވެ.
"ލޯބީ.. މިއީ އޮޅުންބޮޅުން އުފެއްދުމެއް ނޫން.. މީހެއްގެ ދިރިއުޅުން ބަރުބާދު ކުރުމެއްވެސް ނޫން.. އަދި ކައިވެންޏެއް ފުނޑާލުމެއް ވެސް ނޫން.. މިއީ އަހަރުމެން އެކަކު އަނެކަކުދެކެވާ ލޯބީގެ ހެކި..! އަހަރުމެން ދެމީހުންގެ ދެމެދު އޮތް ގުޅުމަކީ، އޮޅުންބޮޅުން ގަނޑެއްކަމަށް ސިފަނުކުރޭ..! އަހަރެންގެ ކުރިމަތީގައި ތާބިޝްއާއި ކައިވެނި ކުރިޔަސް، އެކަމުން އަހަރެންގެ ލޯތްބަށް ބަދަލެއް ނާންނަކަން އަހަރެން ވާނީ އެތައް ފަހަރެއްގެ މަތީން ސާބިތުކޮށްދީފައި... ލޯބީ، މިއީ ފިޒާގެ ވަގުތު...! އަހަރުމެން ދެމީހުންގެ ލޯބީގެ ހައްގުގައިވެސް މިވަގުތު ތެދު ބުނޭ..! އަހަރުމެންގެ ދެމެދު މިވަނީ ހަމައެކަނި ލޯތްބެއް ނޫން.. މިއީ އެއަށްވުރެން މާ ބާރުގަދަ، ގުޅުމެއް..! އަހަރުމެން ދެމީހުންނަށްވެސް އެކަކު އަނެކަކާއިނުލައި ނޫޅެވޭނެ.. ޕްލީޒް ލޯބީ..! އެއްބަސްވެ، ތެދު ބުނޭ..!"
ފިޒާއާއި ގާތްވާން މަސައްކަތްކުރަމުން އެ ފިރިހެން މީހާ ބުންމުންދިޔަ އެވެ. މިފަހަރު އޭނާގެ މޫނުމައްޗަށް ތިންހަތަރު އެތިފަހަރު އަމާޒުކޮށްލީ ފިޒާއެއް ނޫނެވެ. އެއީ ތާބިޝްގެ ހަމަލާއެކެވެ.
"ޑޯންޓް ޔޫ ޑެއަރ... ރައުދު ޒިލާލް.. ޑޯންޓް ޔޫ ޑެއަރ.." ކަނާއަތުގެ މެދު އިނގިލި އެމީހާއާއި ދިމާއަށް ސީދާކޮށްލާފައި ތާބިޝް ދިނީ އިންޒާރެވެ.
"ރައުދު ޒިލާލް..!؟" މަޑުމަޑުން އެތައް ފަހަރަކު ފިޒާ އެނަން ކިޔާލި އެވެ. މީގެކުރިން ކޮންމެވެސް ތާކުން އަޑުއިވިފައިވާ ނަމެއް ހެން ހީވާތީ އެވެ.
"ތާބިޝް.. ބޭނުންވަރަކަށް އަހަންނަށް އަނިޔާކުރޭ.. ހިތް ފުރެންދެން އަހަރެންގެ މި ހަށިގަނޑު ޒަހަމްކުރޭ... އެކަމަކު އަހަރެންގެ ހިތުން ފިޒާ ބޭރުކުރެވޭނެކަމަށް ތާބިޝް ހީނުކުރާތި..! އަހަރުމެން ދެމީހުން ކުށެއް ނުކުރަން.. މިއީ ދެހިތެއްގެ ލޯބީގެ ގުޅުން.. މިއީ މިންގަނޑުން އެއްކިބާވެފައިވާ އިންތިހާ ލޯބީގެ ހަގީގަތް.. މިކަން ތާބިޝްއަކަށްވެސް ބަދަލެއް ނުކުރެވޭނެ..! މިގޮތަށް ސިއްރުން ބައްދަލުކުރަން މަޖުބޫރުވީ އަހަރުމެންގެ ދެމެދަށް ތާބިޝް ވަނީތީވެ..!" ތާބިޝްއާއި ދިމާއަށް ރައުދުގެ ޖުމުލަތައް ބުނެލުމަށްފަހު އެއްމިޔަކަނުން ހިނިއަސްފައި ރައުދު ބަލައިލީ ފިޒާ އަށެވެ.
"ނޫން.. ނޫން.. ތާބިޝް.. އޭނާ އެހަދަނީ ދޮގު..! އޭނާ އެބުނާފަދަ އެއްވެސް ޒާތެއްގެ ގުޅުމެއް އަހަރުމެން ދެމމީހުންގެ ދެމެދުގައި ނުވޭ.. އަހަރެން އޭނާ ނުވެސް ދަންނަން..! އަހަރެންގެ ވާހަކަ ގަބޫލުކުރޭ.. ތާބިޝް ޕްލީޒް!"
ތާބިޝްގެ އަތުގައި އޮޅުލައިގެންފައި ފިޒާ ރޯންފަށައިފި އެވެ. ލިބުނު ހިތްދަތިކަމުގައި ފިޒާ ގެނެސް ތާބިޝްގެ އަތުތެރޭގައި ބޮނޑިކޮށްލުމަށް ހަރަކާތްކޮއްލި ވަގުތު ބަތްޝަބާ ހަޅޭއްލަވަން ފަށައިފި އެވެ.
"ދަރިފުޅާ..ތާބިޝް! މި ގޮތްކުޑަ އަންހެނާގެ އަޑު ނާހާތި..! މިއީ އޭނާގެ ރޭވުން..! އެ މަޅީގައި ދަރިފުޅު ނުޖެހޭތި.. އޭނާއަށް އިތުބާރުކުރަން ދަރިފުޅު ހިތައްވެސް ނާރުވާތި.. މިއޮތީ އެންމެންގެ ލޮލަށް ފެނި އަތުން ހިފާފައި..! އެކަމުން ސަލާމަތްވާންވެގެން ދަރިފުޅުގެ ބޮލަށް ވަދެވޭތޯ އެއުޅެނީ.. އެއްގޮތަކަށްވެސް އޭނާ ބުނާއެއްޗެއް ގަބޫލުކޮށް، އޭނާއަށް އިތުރަށް އިތުބާރުކުރުމުގެ ގޯސް ދަރިފުޅު ނުހަދާތި..!"
ތާބިޝްގެ ކުރިމައްޗަށް ހުއްޓި ބަތްޝަބާގެ ދޮގުތަކުގެ ބާރުގަދަކުރި އެވެ. އޭނާގެ ވިހަ ބަސްތަކަށް ފިޒާގެ ފަރރާތުން ލިބުނީ ރިހުމުން ފުރިގެންވީ ގިސްލުމާއި ވޭނީ އާހްތަކެކެވެ.
"މަންމާ.. އަހަރެންނާއި ނުލައި މަންމަގެ ދަރިފުޅަށް ދިރިއުޅެން ފަސޭހައެއް ނުވާނެ.. ތިވަރުގެ ދޮގުތަކެއް ހަދައިގެން އަހަރުމެން ދެމީހުން ދުރުކުރަން މަސައްކަތް ތިކުރީ ކީއްވެގެން..؟ އަހަރެންގެ ކުށަކީ ކޮބާ؟" ފިޒާއަށް ބުނެވުނީ މަޑަކުން ނޫނެވެ. އަޑަށް ބާރުލާފައި ބުނެވުނު އިރު ކަރުން ނާރު ހިލުވާލައިފި އެވެ.
"އެހެންތަ..؟ ދޮގުމިހަދަނީ އަހަރެންތަ؟ ނޫނީ ކަލޭތަ..؟ ކަލޭގެ ކުށަކީ ކޮބައިތޯ އަމިއްލަ ނަފުސާއި ސުވާލުކޮށްބަލަ..! ބުނެބަލަ މިހާރު ލައިގެން ތިހުރި ހެދުން ލައިގެންނޭ ތިމަންނާ ނިދަން އޮށޯތީ..؟" ފިޒާގެ ހަށިގަނޑުގެ މަތިން ތިރިއަށް އިޝާރާތްކޮށް، ބަތުޝަބާ ބުނެލީ މަލާމާތުގެ ރާގުގަ އެވެ.
އެ އިޝާރާތާއެކު ފިޒާގެ އަމިއްލަ ހަށިގަނޑަށް އޭނާ ބަލައިލި އެވެ. ލިބުނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ.. އުފެދުނީ ބޮޑެތި ސުވާލުތަކެވެ. ފިޒާ ނިދަން އޮށޯތީ ހަރުވާޅަކާއި ޓީޝާޓް ޓޮޕްކޮޅެއް ލައިގެންނެވެ. އެކަމަކު މިވަގުތު ފިޒާ އެހުރީ ކޮނޑުގައި ހިމަހިމަ ވާކޮޅެއްލައި، ކިރިޔަކިރިޔާ ފަލަ މަސްގަނޑާއި ހަމައަށް ފޯރާވަރުގެ ކުރު ނިދާހެދުމެއްގަ އެވެ.
އުފެދުނީ ސުވާލުތަކެވެ. ތާބިޝްއާއެކު 'ހާއްސަ ރޭރޭ' ލުމަށް ފިޒާ ބަހައްޓާފައި ހުންނަ ނިދާހެދުން، ހަވީރުގެ އެވަގުތުގައި ލައިގެން ނިދާފާނެ ހެއްޔެވެ؟ ފިޒާގެ ހެދުން ބަދަލުވީ ކިހިނެއް ހެއްޔެވެ؟ ނުވަތަ ފިޒާގެ ހެދުން ބަދަލުކުރީ ކާކު ހެއްޔެވެ؟ ނިދާފައި އޮއްވައި ހެދުން ބަދަލުކުރިއިރު ފިޒާއަށް ނުހޭލެވުނީ ކީއްވެ ހެއްޔެވެ؟
"ތާބިޝް... ގަބޫލުކުރޭ.. ޕްލީޒް.. އަހަންނަކަށް... ނޭގޭ.." ބުނާނެ އެއްޗެއްވެސް ނޭގުމުން ފިޒާއަށް ވާނުވާ ނޭގިފައި ވަކިވަކިން ބަލައިލީ ތާބިޝްއާއި ރައުދުއާއި އަދި ބަތްޝަބާގެ މޫނަށެވެ.
"ކަލޭ ނާޗަރަންގީ ޖެހީ..! މަގޭ މައުސޫމް ދަރިފުޅަށް ބޭވަފާތެރިވީ..! އޭނާއާއި ވަގަށް ޒ* ކުރީ..! އަހަރެންގެ ގޭގައި، އަހަރެންގެ ދަރިފުޅުގެ އެނދުމަތީގައި..!" ފިޒާގެ ކުރިމައްޗަށް ހުއްޓި ގައިގައި ހުރި ބާރެއްލާފައި ފިޒާގެ މޫނުމަތީގައި ބަތްޝަބާ ވަރަށް ބާރަށް ޖެހި އެވެ.
ތާބިޝްގެ ދެއަތް މުއްކެވި، ކޯކަށިގަނޑު ބިންދައިގެން ދާވަރަށް ބާރުކޮށްލިތަން ފެނުނެވެ. ނަމަވެސް އެންމެ ލަފްޒެއްވެސް ތާބިޝްގެ ދުލުން ބޭރު ނުކުރި އެވެ.
"ކަލޭ ކުރިކަންތައް މިހާރު އޮޅުން ފިލައިފިތަ؟" އެއްމިޔަކަނުން ހިނިއައިސްފައި ބަތްޝަބާ ސުވާލުކުރި އެވެ.
ފިޒާގެ ހިތް، އެތައް މަރަކުން، ކަފުންކުރެވިގެން ދިޔަވަގުތުވެސް އޭނާގެ ދިފާއުގައި ކޮޅަށް ހުރެވޭތޯ ބެލި އެވެ. މަންޒަރު ފެންނަ މީހެއްގެ ހިތް ކުދިކުދިވާފަދަ ބެލުމަކުން ތާބިޝްއާއި ދިމާއަށް ފިޒާ ބަލައިލި އެވެ.
"ތާބިޝް، އަދިވެސް މި ރަންޑިގެ ވާހަކައަށްތަ އިތުބާރުކުރާނީ..؟ ބަނޑުއަޅާއި ވިހައި ބޮޑުކޮށް، ކަލޭ މީހަކަށް ހެދި މަންމައަކީ އެއްވެސް މީހެއް ނޫންތަ..؟ މި މަންމަގެ ބަހަކީ މިއަދު ތާބިޝްއަށް އެއްވެސް އަގެއްހުރި އެއްޗެއް ނޫންތަ..؟" ހިތްދަތިވެފައިވާ މަޔަކު ފަދައިން ބަތްޝަބާ ރޮއެގަތެވެ. ތާބިޝްގެ އެސްފިޔަތަކަށް ބާރުކޮށް ދެލޯ މަރައި ތަގުޅިކޮށްލި އެވެ.
"ތާބިޝް، ޕްލީޒް އަހަންނަށް އިތުބާރުކުރޭ.. އަހަންނަކީ އަދިވެސް ތާބިޝްގެ ފިޒާ..! އެހެން އެއްވެސް ފިރިހެނަކަށް އަހަރެންގެ މައްޗަށް އެއްވެސް ހައްގެއް ނޯންނާނެ..! ކުރިއެކޭވެސް އެއްފަދައިން މިއަދުވެސް، މިރޭވެސް އަހަރެންގެ މި ހަށިގަނޑު ސާފް ތޯހިރު..! އަހަރެން ފާފައެއް ނުކުރަން.. އަހަރެން ކުށެއް ނުކުރަން.. އެފަދަ ހުތުރު އަމަލެއް ދުވަހަކުވެސް އަހަރެން ނުހިންގާނަން... ޕްލީޒް އަހަންނަށް އިތުބާރުކުރޭ..!" ފިޒާ އާދޭސްކޮށް ރޮމުން ދިޔައިރު، އެތައް ފަހަރެއްގެ މަތީން ބަތްޝަބާ ފިޒާގެ މޫނުމަތީގައި ޖަހައިފި އެވެ.
ބަތްޝަބާ ހުއްޓުވާނެ އެކަކުވެސް އެތަނުގައި ނެތެވެ.
"މަންމާ ޕްލީޒް..!"
ތާބިޝް އައިސް އޭނާގެ މަންމަގެ އަތުގައި ހިފާފައި ބޮލުން އިޝާރާތްކުރީ، އެކަން ނުކުރުމަށެވެ. އެއިރު އެތައް ފަހަރެއްގެ މަތީން ފިޒާގެ މޫނަށް ބަތްޝަބާގެ ހަމަލާތައް އަމާޒުކޮށްފި އެވެ.
"ތާބިޝް، މި ހުރިހައި މަންޒަރެއް ފެނުނީމައިވެސް، މިހިރަ އަންހެނާގެ އަވައިގައި ޖެހެނީތަ..؟ ދަރިފުޅަށްޓަކައި މުޅި ދުނިޔެއާއި ކުރިމަތިލާންވެސް ތައްޔާރަށް ހުރި މި މަންމަގެ އެއްވެސް އަގެއް ދަރިފުޅުކުރިމަތީގައި ނެތީތަ..؟ މި މަންމައަށް މަންމަގެ ދަރިފުޅު އިތުބާރު ނުކުރަނީތަ..؟"
ތާބިޝްގެ ގައިގައި އޮޅުލައިގެންފައި ބަތްޝަބާ ރޯންފަށައިފި އެވެ. ލިބުނު ރިހުމުގައި ތާބިޝްގެ ދެ ލޯ މަރައިލި އެވެ.
"މަންމާ.. އިތުބާރު ނުކުރާނެ ވާހަކައެއް އަހަރެން ނުބުނަމެއްނުން.." ތާބިޝްގެ ޖުމުލައާއެކު ރޮއެގަންފައި ބަތްޝަބާ ބަލައިލީ ފިޒާއަށެވެ.
"އެހެންވިއްޔާ ހަމަ މިވަގުތުން ފެށިގެން ދަރިފުޅުގެ ދިރިއުޅުމުން އޭނާ ބޭރުކުރޭ.. މިގެއިންވެސް އޭނާ ނެރޭ.." ބަތްޝަބާގެ ހުށަހެޅުމާއެކު ފިޒާ ބަލައިލީ ތާބިޝްއަށެވެ.
ތާބިޝްގެ ބޯ ދެފަރާތަށް ހޫރުވާލި މަންޒަރު ފިޒާއަށް ފެނުނެވެ. އެ ހަރަކާތް މާނަކުރާނެ ގޮތެއް ފިޒާއަކަށް ނޭގުނެވެ. ނިއްކުރިއަށް ރޫއަރުވާލަން މަޖުބޫރުވީ އެސަބަބަށްޓަކަ އެވެ.
"ތާބިޝް، ޕްލީޒް ޓްރަސްޓް މީ..! އަހަރެން ކުށެއް ނުކުރަން... ގޯސްކަމެއް ނުކުރަން..! އަހަންނަށް އިތުބާރު ކުރާކަމަށް އެތައް ފަހަރަކު ތާބިޝް ނުބުނަންތަ..؟ މިނޫނީ ދުވަހަކުވެސް ތާބިޝްގެ ކިބައިން އަހަރެން ކަމަކު ނޭދެން.. ޕްލީޒް.. ޕްލީޒް.. ޓްރަސްޓް މީ..!" ފިޒާ ރޯންފެށީ ވަރަށް ބާރަށެވެ.
މަންމަ ދުރަށް ޖައްސާލުމަށްފަހު ތާބިޝް އައިސް ފިޒާގެ ދެ ކޮނޑުގައި ހިފަހައްޓާލި އެވެ.
ތާބިޝްގެ ލޮލަށް ފިޒާ ބަލައިލި އެވެ. ފެނުނީ ނާއުއްމީދާއި ނަފްރަތެވެ. ހިތްދަތިކަމާއި ރިހުމާއި ގަދަ ރުޅި އެވެ. ފިޒާގެ ހިތް ހުއްޓުނު ފަދަ އެވެ. މެއަށް އެރި ތަދާއެކު ދެލޯ މަރައިލެވުނެވެ. ކަނާއަތް ގެނެސް، މޭގެ ވާތްފަރާތުގައި ބާއްވައި، ބާރަށް ފިއްތާލި އެވެ. ރިހުމަށް ލުޔެއް ލިބޭތޯ އެވެ. ނަމަވެސް ރިހުންވީ ގަދަ އެވެ.
"މަންމަ މިބުނަނީ އޭނާ ހަމަމިހާރު މިގެއިން ނެރޭށޭ.. ތާބިޝްއަށް އަޑެއް ނީވޭތަ..؟" ބަތްޝަބާގެ އަޑު މުޅި ގޭގައި ގުގުމާލި އެވެ.
"ތާ... ތާ.. ބ..."
ރިހުމުގެތެރެއިންވެސް އާދޭސްކުރަން ފިޒާ މަސައްކަތްކުރި އެވެ. އަސަރުތަކުން ފުރިގެންވީ މޫނަށް ފިޒާ ބަލައިލި އެވެ. މިފަހަރުވެސް ފެނުނީ ނަފްރަތާއި ތާބިޝްގެ ރުންކުރު މިޒާޖެވެ.
"ފިޒާ.. ޕްލީޒް ލީވް ދިސް ހައުސް..!" ތާބިޝްގެ ޖުމުލައަކީ ހޮނު ގުގުރިއަކަށްވުރެވެސް ބާރުގަދަ އަޑެއްކަމުގައި ފިޒާއަށްވި އެވެ.
ހުރި ފިޔަވަޅުމަތީން ގުޑާ ނުލެވި، ހަ ފަރާތުން ފިޒާ ބައްދާލައިފި އެވެ. ނޭވާއެއް ލެވޭނެ ގޮތެއްވެސް ނެތެވެ. ފަތަން ނޭގޭމީހަކު ކަނޑުވުމުން ތެޅިގަންނަ ފަދައިން، ނޭވާއަކަށް އެދި ފިޒާގެ ހިތް ތެޅިގަތެވެ.
"ތާ..ބި...ޝް.." ތުރުތުރު އަޅަމުންދިޔަ ވަގުތުގައި ފިޒާގެ ދުލުން ބޭރުވީ އެންމެ ތިން އަކުރެވެ.
"އައި ވިލް ގެޓް ޔޫ ބެކް ފިޒާ..! އެކަމަކު މިވަގުތު މިގެއިން ފިޒާ ނިކުމޭ..!" އާދޭހުގެ ބުނުމަކުން ތާބިޝް ބުނެލި އެވެ. ފިޒާގެ ދުނިޔެ އޭނާގެ ކުރިމަތީގައި ފުނޑުފުނޑުވެގެން ބިމާ ހަމަވީ ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.
ރިހުމުން ފުރިގެންވީ ބެލުމަކުން ފަހުފަހަރަށް ތާބިޝްއަށް ފިޒާ ބަލައިލި އެވެ. ނަމަވެސް އިތުރަށް އެންމެ ލަފުޒެއް ބުނަންވެސް ފިޒާ މަސައްކަތެއް ނުކުރި އެވެ.
ފަސްއެނބުރި ބެލުމެއްނެތި ފިޒާ ނިކުމެގެން ދިޔައީ އަމިއްލަ ނަފުސުގެ ގަދަރާއި އިއްޒަތްވެސް ހަފޫޓު އަޑީގައި ވަޅުލާފަ އެވެ. ފިޒާގެ ކަންފަތާއި ސިކުނޑީގައި ހަރުލާފައިވަނީ އެންމެ ޖުމުލައެކެވެ.
"ފިޒާ.. ޕްލީޒް ލީވް ދިސް ހައުސް.."
ފަސްއެނބުރި ބެލުމެއްނެތި އަވަސްފިޔަވަޅުތަކުގައި އެގެއާއި ގޯތިތެރެއިން ފިޒާ ނިކުތެވެ. ހުއްޓުމެއް ނެތް ކަރުނަ ފިޒާގެ ލޮލުން އޮހޮރެމުންދިޔަ އެވެ. މަގުމަތީގައި ހުއްޓި ފަހުފަހަރަށް އޭނާގެ ގެއެއްކަމުގައި ދެކުނު 'ނަރަކަށް' ފިޒާ ބަލައިލި އެވެ. އަމިއްލަ ހާލަތާއިމެދު ފަރުވާލެއް ނެތެވެ. ލޮލުގެ ކަރުނަ ހުސްވަންދެން އޮހޮރުނަސް މިއަދު އެކަރުނަ ހުއްޓުވަން ފިޒާ މަސައްކަތެއް ނުކުރާނެ އެވެ.
އަހަރުމެންގެ ހަޔާތަށް ބައެއް މީހުން އަންނަނީ ޝޫޓިންގ ސްޓާރސްގެ ގޮތުގަ އެވެ. ހިނދުކޮޅެއްގެ މެހެމާނެއްގެ ދައުރު އަދާކުރުމަށްފަހު ގެއްލި ދަނީ، ދެން ނާންނާނެކަމުގެ ޔަގީންކަން ދީފައި އެވެ. މަދު ސިކުންތެއްގެ އެ ގުޅުމަކީ، މުޅި ހަޔާތް އެފުށް މިފުށަށް ޖަހައިލާ ބާރުގަދަ އިހްސާސެއްކަމުގެ ހިލަމެއްވެސް ނުވެ އެވެ. (ނުނިމޭ)