
ފިޒާ ގެއަށް ދިޔައީ މެންދަމުން އަލިވެ، ހަތަރެއް ޖަހައި ބޮޑުވިފަހުންނެވެ. މާލޭގެ އެތަން މިތަނުގައި ފިޒާ ހިނގީ މިސްރާބެއް ނެތީތީ އެވެ. ގޭގެ ބެލްޖަހައިލުމުން ނިކުތީ އަޝްކާ އެވެ. ސުވާލެއް ކުރުމަކާއި ނުލައި، މަންމަގެ އަތުތެރޭގައި ދަރިޔަކު ބޮނޑިކޮށްލާ ފަދައިން އަޝްކާގެ ހިމާޔަތަށް ފިޒާ ގެނައުމަށް ސިކުންތެއްވެސް ނުނެގި އެވެ.
ފިޒާގެ ހާލަތާއި އޭނާގެ އެވަގުތުގެ ސޫރައަކީ ހާމަކަންބޮޑު އިބާރާތްތަކުން ލިޔެ ފުރާލާފައިވާ ސަފްހާތަކެކެވެ. ދުނިޔޭގެ ތަޖުރިބާއިން އަޝްކާއަށް ލިބިފައިވާ ފިލާވަޅުން އޭނާގެ ދެ ލޯ ކަރުނުން ފުރައިލުމަށް ހިނދުކޮޅެއްވެސް ނުނެގި އެވެ.
ގެއަށް އައީ ކީއްވެތޯއާއި ވީ ކީއްތޯ ސުވާލުކޮށް، އިތުރު ރިހުމެއް ފިޒާއަށް ދިނުމަށް އަޝްކާ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަޝްކާއަކީ ފިޒާއަށްޓަކައި ފަހަރިއެއް ނޫންކަމާއި މިއަދު މަންމައެއްގެ މަގާމުގައި ހުރީ އަޝްކާކަން ފިޒާއަށް އިހްސސާސްކޮށްދޭން އޭނާ ކުރަންޖެހުނު ކުޑަވެސް މަސައްކަތެއް ނެތެވެ.
ގައިގައި ހުރި ބާރެއް ލާފައި އަޝްކާގެ މެދުހަށީގައި ފިޒާ ބެއްދި އެވެ. އަޑުން އަޑު ނަގާފައި އެދަރިފުޅު ރުއި އެވެ. ކަރުނައަކީ ލޮލުން ހުސްވާނެ އެއްޗެއްނަމަ ފިޒާގެ ލޮލުން ލޭ އޮހޮރުނީހެވެ.
ތާބިޝްއާއި ގުޅަން އަޝްކާ ނުހަނު މަސައްކަތްކުރި އެވެ. ނަމަވެސް ފޯނަށް ޖަވާބުދިނުމެއް ނެތި ތާބިޝްގެ ފޯނު ކޮންމެ ފަހަރަކު ބިޒީކޮށްލުމަކީ އަޝްކާގެ އެތަށް ސުވާލަކަށް ލިބުނު ބާރުގަދަ ޖަވާބެއްކަމުގައި އޭނާ ގަބޫލުކުރި އެވެ. ތާބިޝްގެ ފިނޑިކަމާއި ރަހުމުކުޑަކަމަށް އަޝްކާގެ ހިތުން ކިތަންމެ ވަރަކަށްވެސް އެރޭ ނަފްރަތުގެ ދުން އެރި އެވެ.
އެވަގުތުން ފެށިގެން އަޝްކާގެ މަގުސަދެއް ކަމުގައި ކަނޑައެޅީ އެންމެ އަޒުމެކެވެ. މިއަދު ހުރި މަގާމަށްވުރެން އެތައް ގުނައެއް ފުރިހަމަކޮށް، ފިޒާގެ މުސްތަގުބަލަށް 'ފިޒާ' ތައްޔާރުކުރުމެވެ.
މާޒީގެ ވާހަކަ ނިމުނީ
ބައެއް ފަހަރު ކަރުނައަކީ ތިބާގެ ހަޔާތުގެ ހިއްދަތި ސަފްހާތަކެއް ނޫނެވެ. ތިބާގެ ކަރުނައަކީ މޭގައިވާ ހިތުވވިންދުގެ ހިތްދަތި ތެޅުމުގެ އަޑުތަކެވެ.
.....................
"ކީއްވެ ތާބިޝް...؟ ތާބިޝްގެ އެންމެ ކުށަކުން އަހަރެންގެ ހަޔާތުގެ އެންމެ މާތް ގުޅުން ކެނޑިގެންދިޔައީ، އެކަމުގައި އަހަންނަށް ފުރުސަތެއްވެސް ނުދީ..! އެދުވަހު އަހަންނަށް އިތުބާރެއް ނުކޮށްފައި މިއަދު އަހަރެންގެ ފަހަތުން ތާބިޝް ތިއުޅެނީ ކީއްވެގެން..؟ އެނބުރި އަހަރެންގެ ހަޔާތަށް ތާބިޝް ތިޔައައީ ކީއްވެ..؟ އެއްދުވަހަށްވުރެން އަނެއް ދުވަހު އަހަންނާއި ގާތްވާން ތާބިޝް މަސައްކަތް ތިކުރަނީ ކީއްވެ؟
ލަކުޑިޕެލަޓްމަތީގައި އިނދެ ބާރަށް ފިޒާ ރުއި އެވެ. އެތައް އިރަކު، އެ އަނދިރި މަންޒިލްގައި އެކަނިމައިއެކަނި ފިޒާ ހޭދަކުރި އެވެ.
"ނޫން ފިޒާ.. ފިޒާއަކީ ބަލިކަށި ކުއްޖެއް ނޫން.. ހަޔާތުގައި ފިޒާއަށް ހައްގު ނޫން މިންވަރަށް ކަރުނައަޅައިފި.. މިއީ ފިޒާ ރޯންޖެހޭ ވަގުތެއް ނޫން..!" ދެއަތުން ދެ ކޯތާފަތް ފޮހެލި އެވެ.
ރަތްވެފައިވާ ދެލޮލުން އަދިވެސް ކަރުނަ ހުސްނުވެ އެވެ. ކިތަންމެ ވަރަށް ފޮހުނަސް، ފިޒާގެ ކަރުނައަށް މިރޭ ނިމުމެއް ނެތެވެ. އަހަރުތަކެއް ވަންދެން ހަށިގަނޑުތެރޭގައި ކަފުންކޮށް ވަޅުލާފައިވާ އަމިއްލަ މާޒީގެ މަންޒަރުތަކުން ހިރަފުސް ފޮޅާލީތީ އެވެ. އަލުން އެމަންޒަރުތައް ފިޒާގެ ލޮލުގެ ކުރިމަތީން ފެންނަނީ އެވެ.
"އަހަރެންގެ އުމުރުން އެންމެ ކުޑަކުޑަ އިރުއްސުރެން، ދިރިއުޅުމަކީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ގޮންޖެހހުން.. ފަސޭހަ ދުވަސްވަރެއް ހޭދަކުރީ ހަޔާތުގެ މިވެނި ދުވަސްވަރެއްގައޭ ބުނާނެ ވަކި ދުވަސްވަރެއް އަހަރެން ހަނދާނެއް ނެތް.. އެކަމަކު ދުވަހަކުވެސް ފެޔަށް ނުޖެހެން..! މިއަދުވެސް އަހަރެންގެ މެދުހަށީގައި ހުރި ހުރިހައި ހަކަތައަކާއެކު ކޮޅަށް ތެދުވާނަން..!! މިހަނގުރާމައާއި ކުރިމަތިލައި ކާމިޔާބުކުރުން ނޫން އެހެން އެއްގޮތެއްވެސް އަހަންނަކަށް ނެތް..! އަހަރެންގެ ބަލިކަށިކަމާއި ހިތްދަތިކަމާއި ނަފްސާނީގޮތުން ލިބޭ ކޮންމެ އަނިޔާއެއް އަހަރެން ޖެހޭނީ ކަފުންކުރަން.. އެއްވެސް މީހަކަށް އަހަރެންގެ ސިކުނޑިއަށް ސަވާރުވެ، އަހަރެންގެ ހިތްވަރު އެލުވާލައި ނާއުއްމީދުކުރުމުގެ އިހްތިޔާރު އަހަރެން ނުދޭނަން.. އަހަރެންގެ އުއްމީދަކީވެސް އަހަރެންގެ ހިތްވަރަކީވެސް އަހަރެންގެ އަމިއްލަ ނަފުސު..! އިން ޝާ ﷲ، އެކަން އަހަރެން ހަނދާން ނައްތާނުލާނަން..!" އުއްމީދުން ފުރިގެންވީ ބުނެލުމަކުން ފިޒާގެ ހަށިގަނޑު ސީދދާކޮށްލި އެވެ.
އިށީންދެ އިން ޕެލަޓުން ތެދުވެ، ހެދުން ފޮޅާލަމުން ވިލިގިއްޔާއި ދިމާއަށް ފިޒާ ބަލައިލި އެވެ. ދިއްލާފައިވާ ބޮކިތަކުން މިފަހަރު ފިޒާ ހޯދީ ހިތްވަރެވެ. ކޮންމެ އަނދިރިކަމަކަށްފަހު އަލިކަމެއް އަންނާނެކަން، ފިޒާއަށް ވިސްނުނެވެ. ތޫފާނުގެ ބާރުގަދަ ވަޔަށްފަހު، އޮއެމަޑުވެ ކާއިނާތު ހިމޭންވާނެ އެވެ.
..................
ހިމޭން ހިޔާލްތަކުގައި ހުރެގެން ފިޒާ ހިންގަމުންދިޔައީ އޭނާގެ މަންޒިލް ކަމުގައި މިވަގުތު ދެކޭ ގެއަށެވެ. ދޮރުމައްޗަށް އަރާފައި ފިޒާ ބަލައިލީ ފަނޑު އަލިކަމަކުން ދިއްލާފައިވާ ބޮޑު ހޯލުތެރެއަށެވެ. މީހަކު ނެތް ހެން ހީވުމާއެކު އެތެރެއަށް ވަނުމަށް ފައި އެޅި އެވެ.
"ފިޒާ .. އާރ ޔޫ އޯކޭ.." ދެފިޔަވަޅު ނޭޅިގެން އުޅެނިކޮށް ދެމީހަކު ދެފަރާތުން ދުވެފައި އައިސް ފިޒާގެ ގައިގައި ބައްދައިގަތެވެ.
ވާނުވާ ނޭގިފައި އިސްޖަހާލަންވެސް ނޭގުނީ ފިޒާއަށެވެ. ކަޔާންއާއި ސަވާނާގެ އޯގާތެރިކަމުން ފިޒާ ފެންކަޅިވި އެވެ. މިގޭގެ ފުރާޅުގެ ދަށުގައި ފިޒާގެ އިންތިޒާރުގައި ބަޔަކު، ފިކުރުބޮޑުވެފައި ތިބެދާނެކަމަށް އޭނާއަށް ގަބޫލުކުރެވިފައި ނެތީ އެވެ.
"ކޮންމެވެސް އެއްޗެއް ބުނެބަލަ.. ފިޒާ..! އާ ޔޫ އޯކޭ..؟ ފިޒާ ހޯދަން މުޅި މާލޭގައި ދުއްވައިފިން.. ދާނެހެން ހީވާ ހުރިހައި ދިމާއެއް ބަލައިފިން.. އަހަންނަކަށް ހަމައެއްވެސް ދިމާއަކުން ފިޒާ ނުފެނުން.. ކިތަން ރެސްޓޯރެންޓަށްވެސް ވަނިން..؟ އެއްވެސް ތާކުން ނުފެނުން.. ކީއްވެ، ކޮންތާކަށް ގޮސްފައި ތިޔައައީ..؟" ހާސްވެ ނޭވާ ނުލެވިފައި ހުރި ބޭބެއެއް ފަދައިން ކަޔާންގެ ސުވާލުތައް ފިޒާއަށް ބަންޑުންކޮށްލީ ޖަވާބުދޭނެ ވަގުތެއްވެސް ފިޒާއަށް ނުދީ އެވެ.
ދާދި ގާތުގައި ސަވާނާހުރީ ފިޒާއަށް އައިސްފައިވާ ބަދަލުތައް ދެނެގަނެވޭނެ ގޮތެއް ވޭތޯ އެވެ.
"އައި އެމް ފައިން..!" ކުރިމަތިކުރި އެހެން އެއްވެސް ސުވާލެއް ފިޒާއަށް މިވަގުތު މުހިއްމެއް ނުވި އެވެ. ކަޔާންއާއި ސަވާނާގެ ހާލަތަށް ދޫކޮށްލާފައި ފިޒާ މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ.
ވާނުވާ ނޭގިފައި އިސްޖަހައިލެވުނީ ކަޔާންއާއި ސަވާނާއަށެވެ.
................
ފިޒާ ވިސްނަމުންދިޔައީ ތާބިޝްއާއި ކުރިމަތިލާނެގޮތަކާއި މެދުގަ އެވެ. ތާބިޝްގެ ކުރިމަތީގައި ކިޔަމަންވެ ފުށްކޮޅަކަށްވެގެންދަނީ ކޮން ސަބަބަކާހުރެކަން ފިޒާއަކަށް ނުވިސްނުނެވެ. ހަޔާތުގެ އެންމެ އުފާވެރި ފަސްމިނެޓަށް އެދުމުން އެކަމަށްވެސް ފިޒާ ފުރުސަތު ދިނީ އެވެ. ގިސްލައި ރޯން ވުމުންވެސް އަމިއްލަ ނަފުސުގެ އެންމެ ބަލިކަށި ވަގުތުކޮޅުގެ ފައިދާ ނެގުމަށް ތާބިޝްއަށް ފުރުސަތު ދެވެނީ އެވެ. ތާބިޝް ބޭނުންވެއްޖެ ކޮންމެ ހިދެއްގައި ފިޒާއާއި އެކިގޮތްގޮތުން ގާތްވެ، ގޯނާކުރުމުގެ މަގުވެސް ފަހިކޮއްދެވެނީ އެވެ. މިއީ ފިޒާ ބޭނުންވާ ގޮތެއް ނޫނެވެ.
ބޭބެއާއާއި ދައްތަ ދޫކޮށްލާފައި ތާބިޝްއާއެކު ފިޒާއައީ އެންމެ މަގުސަދަކަށްޓަކަ އެވެ. ނަމަވެސް އެދުވަސް ފިޒާގެ ރާޑަރަށް މިހާރު ނާރަނީ ކީއްވެ ހެއްޔެވެ؟
ތާބިޝްގެ ކޮންމެ ގޯނާއަކީ ފިޒާއަށް ލިބޭ ސަޒާއެކެވެ. ނަމަވެސް އެއީ ތާބިޝްގެ އުއްމީދުތަކަށް އިތުރުކުރެވޭ ކާމިޔާބުގެ ބޮޅެއްކަން ފިޒާ ދަނެ އެވެ. އެކަންކަމަށް ފިޒާގެ އަމިއްލަ ކޮންޓްރޯލެއް ނޯންނަ ސަބަބާއިމެދު ވިސްނާވިސްނާ ސިކުނޑި މޮޔަވާވަރު ވެއްޖެ އެވެ. އެކަމަކު ހައްލެއް ނުލިބުނެވެ. އަލި މަގެއްވެސް ނުފެނުނެވެ.
ޚިޔާލުގެ ތެރޭގައި ހުރެގެން ފިޒާގެ އަމިއްލަ ދުނިޔޭގައި ފިޔަވަޅުތައް އަޅަމުން ދެވުނީ ކޮން ދިމާއަކަށްކަމެއް ފިޒާއަކަށް ނޭގެ އެވެ. ތާބިޝްގެ ގަނޑުވަރެއްފަދަ ގޭގައި ފިޒާއަށް ނުފެންނަ ކިތަންމެ ދިމާއެއްވޭ އެވެ. ގޮތް ނޭގޭ ކިތަންމެ ކޮޓަރިއެއް އެބަހުއްޓެވެ. ގޭގެ އެކި ދިމާގައި ފިޒާ ހިނގަމުންދިޔައީ ހިޔާލުގެ ދުނިޔެއިން އޭނާއަށް އަލިމަގެއް ފެނޭތޯ އެވެ.
ކުރިމަތީ ހުރި ތަނބެއްގައި ބޯ ޖެހުމުން ނޫނީ އެއީ ތަނބެއްކަންވެސް ފިޒާއަށް ނޭގުނެވެ.
ވީތަދާއި ލިބުނު ރިހުމުން ނިއްކުރީގައި ބާރަށް ހިފެހެއްޓުނީ މޫނުމައްޗަށް ވައްތަރެއްވެސް ޖައްސާފަ އެވެ. ރިހުން ލުއިކުރެވޭތޯ ނިއްކުރީގައި އަތްހާކާލާފައި ފިޒާގެ ވަށައިގެން އޭނާއަށް ހުރެވުނު ތަނަށް ބަލައިލި އެވެ.
ފިޒާ ބޭނުންވީ، ތާބިޝްގެ ހިލަމެއް ނުވާ ދިމާއެއްގެ ބެލްކަނީގައި މަޑުކޮށްލާށެވެ. ނަމަވެސް ހުރެވުނީ އަލިކަމެއް ނެތް ކަނު އަނދިރި ތަނެއްގެ ތެރޭގަ އެވެ. ވާނުވާ ނޭގިފައި ފިޒާ އެނބުރެން ފެށި އެވެ. އުޅެވުނީ ހުވަފެނެއްގައިތޯ ނުވަތަ މިއީ ހަގީގަތެއްތޯ ޔަގީންކުރާން އޭނާގެ ހިތް އެދުނެވެ.
އަމިއްލަ އަތުގައި ތަންކޮޅެއް ބާރަށް ވިކާލީ އިހްސާސްވޭތޯ އެވެ. އާއެކެވެ. ތަދުވެއްޖެ އެވެ. އެހެންވީމާ ފިޒާއަށް އުޅެވުނީ ހުވަފެނީ އާލަމެއްގައި ނޫންކަން ކަށަވަރެވެ. ހިތްގައިމު އަމާން ބެލްކަންޏެއް ނުފެނި، އަނދިރިކަމުން އަމިއްލަ އިނގިލި ލޮލަށްވަނަސް ނޭގޭ ފަދަ ތަނަކަށް ފިޒާއަށް ވަދެވުނީ ކިހިނެއް ހެއްޔެވެ؟ ޖެހިލުންވެ، ބިރުވެރިކަން އިހްސާސްވުމުން ހުޅުވިފައިހުރި ދޮރާއި ދިމާއަށް ފިޒާ މިސްރާބުޖެހި އެވެ.
ނަމަވެސް ފިޔަވަޅަށް ހުއްޓުން އެރީ ކުއްލިޔަކަށެވެ. އިވުނު އަޑުތަކަށް ކަންފަތް ފަރިތައެއް ނޫނެވެ. އެފަދަ އަނދިރި ހިސާބެއްގައި އެގޭގައި އިތުރު ކޮޓަރިއެއް ހުރެދާނެކަމަށް ފިޒާއަށް ހީކުރެވިފައެއް ނެތެވެ.
ފިޒާގެ ވާތްފަރާތުން ހުރި ކޮޓަރީން އިވެމުންދިޔަ އާދަޔާހިލާފް އަޑު ތަކާއި ދިމާއަށް އޭނާގެ ފިޔަވަޅު ހަރަކާތްކުރަން ފަށައިފި އެވެ. އެ ކޮޓަރިއާއި ގާތްވަމުންދިޔަވަރަކަށް، އިވެމުން ދިޔަ އަޑުތައް ސާފުވާން ފަށައިފި އެވެ. ކޮޓަރި ކުރިމަތީގައި ހުއްޓި، ދޮރުގައި ކަންފަތް ޖަހައިލި އެވެ.
"އަހަރެން އޭނާ ދުރުކުރާނަން.. އޭނާ މިގޭގައި އުޅުނަކަ ނުދޭނަން.. ތަނެއްގައި ހުންނަހައި މީހަކާއި އަހަރެންގެ ތާބިޝް ހިއްސާއެއް ނުކުރެވޭނެ.. މުޅި މިރާއްޖެއިން އެންމެ ރީތި އެންމެ ފުރިހަމަ އަންހެންކުއްޖާ އަހަރެންގެ ތާބިޝްއަށް ހޯދައިދޭނަން.. އަހަރެންގެ ތާބިޝްއަށް އެކަށީގެންވަނީ އެންމެ ތަނަވަސް އެންމެ ފުރިހަމަ އަންހެންކުއްޖާ..!" ދޮރުގައި ކަންފަތްޖަހައިގެން ކަނުލާ އަޑުއަހަމުންދިޔަ ފިޒާއަށް ތެޅިގަނެވުނެވެ. މުޅި ގައިން ހީބިހި ނެގިއިރު ނިއްކުރިން ދާބޮކިތައް ހިލުވާލައިފި އެވެ.
އެއީ ފިޒާ ދަންނަ އަޑެކެވެ. އެއީކަންފަތަށް ފަރިތަ އަޑެކެވެ. އެއީ ކާކުގެ އަޑެއްކަން ފިޒާއަށް އެހެން މީހަކު ބުނެދޭކަށް ނުޖެހެ އެވެ. އެއީ ފިޒާގެ ބޮލުގައި ހުތުރުކަން ބޮޑު ލަދުވެތި ތުހުމަތު އެޅުވި މީހާ އެވެ. ފިޒާގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލީ އެއަޑުގެ ވެރިޔާ އެވެ. އެދުވަހު އެއަޑުގައި ހުރި ވިހައާއި ޒަހަރު މިއަދުވެސް އެއަޑުގައި އެބަހުއްޓެވެ.
ނަމަވެސް ސުވާލަކީ މި އަނދިރިކަމުގެ ތެރޭގައި އޭނާ އެ ކުރަނީ ކީއްހެއްޔެވެ؟ މިއީ އޭނާގެ އަމިއްލަ ތަރިކަ މުދާކަމާއި މިތަނަށް ހަމައެކަނި ހިނގާނީ އޭނާގެ ބާރުކަމަށް ބަތުޝަބާ ތަކުރާރުކޮށް ފިޒާއަށް އިންޒާރުކޮށްފައިވާއިރު، ގަނޑުވަރެއްފަދަ ބޮޑު މިގޭގޭ އަނދިރި ކަނެއްގައި ބަތުޝަބާ އުޅެންޖެހުނީ ކޮން ސަބަބަކާހުރެ ހެއްޔެވެ؟
ސުވާލުތަކަށް ފިޒާ ޖަވާބު ބޭނުމެވެ. އިތުރުމީހަކާއި ސުވާލުކުރުމުގެ ކުރީން، ކަމުގެ ހަގީގަތް އަމިއްލަ ލޮލުން ދެކެން ބޭނުމެވެ.
ހިންދިރުވާލާފައި ފިޒާ ދެ ލޯ މަރައިލި އެވެ. ނޭވާ ހިފަހައްޓާލާފައި ބޭރުން އަޅުވާފައިހުރި ތަންޑު ނައްޓުވާލި އެވެ. ހިއްވަރުކޮށްފައި ތަޅުގައި ހިފައި އަނބުރާލީ އެ ދޮރު ހުޅުވުމަށް ދެން ހުރަހެއް ނެތްކަން ވިސްނާފަ އެވެ.
ހުޅުވުނު ދޮރުން އެތެރެއަށް ބޯ ދިއްކޮށްލި އެވެ. ފެނުނު މަންޒަރުން، ފިޒާގެ ދަތްދޮޅި ފައިބުޑަށް ވެއްޓުނުހެން ހީވުމުން އަރިއަޅާއިލި އެވެ. ނަމަވެސް ދޮރުގައި ހިފަހައްޓާލާފައި ހަށިގަނޑު ސީދާކޮށްލި އެވެ.
އަނދިރި ކޮޓަރިތެރެއަށް ފިޒާ ލޯ ހިންގާލި އެވެ. އެނދުގައި އޮތް މީހާގެ ހަށިގަނޑަށް ނުހަނު ރަގަޅަށް އޭނާ ބަލައިލި އެވެ. ދެއަތާއި ދެފައި އޮތީ އައްސާފަ އެވެ. އައިސްފައިވާ ރުޅީގައި މުޅި އެނދު ގުޑުވާލާފައި ގަދަހަދަމުން ދިޔައީ ދެއަތާއި ދެފައިވެސް ލިބިފައިވާ އަދަބުން މިންޖުކުރެވޭތޯ އެވެ.
ފެންނަމުންދިޔަ އާދަޔާ ހިލާފް މަންޒަރުން ފިޒާގެ ހިތުގައި އުފެދެމުންދިޔައީ ބިރުވެރިކަމެވެ. ޖެހިލުންވެ ހުރެ ދެތިން ފިޔަވަޅު ކުރިއަށް ޖެހިލި އެވެ. ހަމައެވަގުތު ގަދަ އަޑެއް ކަރުބުޑުން ނެރިފައި ފިޒާއާއި ދިމާއަށް އޭނާގެ ކަރު އަނބުރާލި އެވެ.
ބިރުން ފިޒާ ތުރުތުރުއަޅަންފަށައިފި އެވެ. އަނގަހުޅުވި ދެ ލޯ ފެންކަޅިވެއްޖެ އެވެ. ނަފްރަތުން ފުރިގެންވީ ބެލުމަކުން ފިޒާއާއި ދިމާއަށް ބަލަހައްޓައިގެން އޮތީ ހައިވެފައިވާ ޖަންގަލީގެ ރަސްގެފާނު، އެއިގެ ނާސްތާއަށް ތައްޔާރުވެގެން އޮތްފަދައިން ނެވެ. ހަމަދެންމެ ދެންމެ ހަމަލާ އަމާޒުވެދާނެކަމަށް ފިޒާއަށް ޔަގީންކުރެވުނެވެ.
"ޔޫ...ބ*! ކަލޭ ތިހިރީ އަހަރެންގެ އެންމެ ލޯބިވާ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްލާފައި.. އެވަރުން ނުފުދިގެން އަނެއްކާވެސް އޭނާގެ ހަޔާތަށް ތިޔައީ ކޮން ބޭނުމަކު..؟ އޭނާގެ މައްޗަށް ކަލޭ ވެރިވެގަންނާން އަހަރެން ފުރުސަތެއް ނުދޭނަން.. އެއީ އަހަރެންގެ ދަރިއެއް..! އޭނާ ހަދާނީ އަހަރެން ބުނާގޮތް..!" ބަތްޝަބާގެ ބާރުގަދަ ހިނިގަނޑަކުން މުޅި ކޮޓަރި ގުޑައިގެން ދިޔަ އެވެ.
"އޭނާގެ މުއްސަނދިކަމާއި މުދަލުން ލޯ ލާރިފޮއްޗެއްވެސް ކަލެއަށް ނުދޭނެ..! ކުރިއަށްވުރެން ހަޑިހުތުރުކޮށް މިފަހަރު ކަލޭ މިތަނުން ނެރި ހޫރުވާލާނަން..! ތިން އަހަރު އަހަރުމެން ހޭދަކުރީ އުފަލާ ހިތްހަމަޖެހުމުގައި.. އެމަންޒަރު ބަލަން ކަލެއަށް ކެތްނުވެގެން މިފަހަރު ތިޔައީ މިގެއާއި މުދާގަނޑު ފޭރިގަންނަންތަ..؟" އަޑުގެ ނެތް ތަނަށް ބަތުޝަބާ ހަޅޭއްލެވި އެވެ.
ހުރިފިޔަވަޅުމަތީގައި ގާވެފައި ފިޒާ ހުރީ އެސްފިޔަޖަހާލަންވެސް ނޭގިފަ އެވެ. އޭނާގެ އަމިއްލަ ހާލަތުވެސް މިވަގުތު އަންދާޒާ ނުކުރެވެ އެވެ. (ނުނިމޭ)