
ސެންޓާ އެންޓާޕްރައިސަސްއިން 2006 އަދި 2008 ވަނަ އަހަރު ފޯރުކޮށްދިން ކަމަށް ބުނާ ހިދުމަތްތަކަށް ފައިސާ ހޯދުމަށް ދައުލަތަށް ދެކޮޅަށް ޖުމްލަ ތިން މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއަށް ސަޕްލައިކޮށްދިން ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ އެއް މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކާ ގުޅޭ ދެ މައްސަލައެއް ހިމެނޭ މި މައްސަލަތަކުގައި، އެ ކުންފުނިން ދައުލަތާއެކު ކޮށްފައިވާކަމަށް ބުނާ މުއާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، މި މުއާމަލާތްތަކާ ގުޅޭގޮތުން ސިވިލް ކޯޓުންނާއި ހައިކޯޓުން ނިންމާފައިވާ ނިންމުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދާ ހާއްސަ އޮޑިޓެއްގެ ޕްރިލިމިނަރީ ރިޕޯޓުން ފާހަގަކުރެވިފައިވާ ގޮތުގައި، ސެންޓާ އެންޓަރޕްރައިސަސްއިން ސިވިލް ކޯޓަށް ސައްހަނޫން އިންވޮއިސްތަކެއް ހުށަހަޅާފައިވާކަމާއި، ރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދިން ކަމަށް ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޖިނާއީ ތަހުގީގެއްކުރުން މުހިންމު ކަމަށް ފެންނާތީ، ވީ އެންމެ އަވަސް ފުރުސަތެއްގައި މި މައްސަލަ ތަހުގީގުކޮށްދިނުމަށް ފުލުހުންގެ ހިދުމަތުގައި އޭޖީ އޮފީހުން އެދިފައިވެއެވެ.