
ދަ ޑިމޮކްރެޓްސް ނެރުނު ބަޔާނެއްގައި ބުނީ މާލެއަކީ ދިވެހިރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅޭ ވަޒަނަށް ވެފައި، މިއަދު އާންމު ދިރިއުޅުމުގެ އެންމެހައި ހިދުމަތެއް ކަރަންޓާ ގުޅިފައި ހުރިއިރު، ކުރިން އެންގުމެއް ނެތި، މުޅި ސަރަހައްދުން ކަރަންޓު ކެނޑުމަކީ ނުހަނު ކަންބޮޑުވުން ހުރި ކަމެއްކަމަށެވެ. އަދި އެއީ ހޮސްޕިޓާތަކާއި ސްކޫލްތަކާއި ސަރުކާރު އޮފީސްތަކާއި ވިޔަފާރިތައް މުޅިން ހުއްޓުމަކަށް އަންނާން ޖެހިފައިވާ ނުރައްކާތެރި ކަމެއްކަމަށާއި އެކަމުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން އެތައް މިލިޔަނެއްގެ ގެއްލުން އާންމުންނާއި ދިވެހި ދައުލަތުން ބޮލު އަޅާންޖެހޭނެ، މިފަދަ ޒަމާނެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ކަރަންޓް ކެނޑުނު މައްސަލަ ތަހުގީގުކުރަން ސަރުކާރުން ނިންމާފައިވާތީ އެކަން ހަގީގީ މާނާގައި ކުރިޔަށް ގެންދިޔުމަށްވެސް ޑިމޮކްރެޓްސް އިން ވަނީ ގޮވާލާފައެވެ.
މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށާއި، ޒިންމާވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާން ފިޔަވަޅު އެޅުމަށާއި، ރަށްވެހިކަމުގެ އަސާސީ ހިދުމަތްތައް ޒިންމާދާރުކަމާއި، ފަރުވާތެރިކަމާއެކު ބެލެހެއްޓުމަށް، ފުލުހުންނާއި، ޔުޓިލީޓީ ކުންފުނިތަކާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، ސަރުކާރާއި، އެހެނިހެން ސްޓޭކްހޯލްޑަރުންނަށް ޑިމޮކްރެޓްސް ވަނީ ގޮވާލާފައެވެ.