ads
ރައީސް ނަޝީދު
ނަޝީދު އަލުން ވެރިކަމަށް ކުރިމަތި ލައްވަނީ!
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ކުރިއަށް އޮތް އިންތިހާބުގައި އެ މަނިކުފާނު ވާދަކުރެއްވުމަށް ޓަކައި އެ މަނިކުފާނާ އަރިސް މެންބަރުންގެ ހިޔާލު ގެންދަވަނީ ހޯއްދަވަމުންނެވެ.

ނަޝީދުއާއި ހަވާލާ ދެއްވާ އެމަނިކުފާނުގެ އަރިސް ބޭފުޅަކު "ސީއެންއެމް" އަށް ވިދާޅުވީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މިއަދު ރައީސް ނަޝިދު މެސެޖެއްކުރައްވާ ވެރިކަމަށް އަލުން ވަޑައިގަތުމުގެ ވިސްނުމަށް އަދި އެ ހިޔާލު ހިއްސާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ކުރިމަތިލުމުގެ ވިސްނުން އެބަ ގެންގުޅެން. ކިހިނެއްތޯ ފެންނަނީ. ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫ ނާރާނެ،" ނަޝީދު އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް މިއަދު ކުރެއްވި މެސެޖެއްގައި ވެއެވެ.

ނަޝީދު އަލުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރެއްވި އިރު، އެމްޑީޕީ އާއި ޑިމޮކްރެޓްސް އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ދާދި ފަހުން ވިދާޅުވެފައިވެ އެވެ. އެއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު މިވަގުތު ހުންނެވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭ ގައުމުތަކުން އެ ގެއްލުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ. އަމަލީ ގޮތުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިއެއް ނުވެ އެވެ. އެ މަގާމުގައި ހުންނެވި ނަމަވެސް ސިޔާސީ މަސައްކަތްތަކާ މުޅިން ދުރު ނުވާ ކަމަށް އެމަނިކުފާނު އަންނަނީ ވިދާޅުވަމުން ނެވެ. 

ރައީސް ނަޝީދު ވަނީ 11 ނޮވެމްބަރު 2008 އިން 7 ފެބްރުއަރީ 2012 އަށް ރާއްޖޭގެ ރައީސްގެ މަގާމު ފުރުއްވާފަ އެވެ. އެ މަގާމުން އެމަނިކުފާނު އިސްތިއުފާ ދެއްވީ ވެރިކަމާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނިކުމެ ކުރި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް