
ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނޭޝަނަލް އޯކިޑް ގާޑަން އަށް މިއަދު ހެނދުނު ޒިޔާރަތް ކުރެއްވުމުން އެ ދެކަނބަލުންގެ ނަމަށް ނިސްބަތްކޮށް، އެ ތަނުގެ އެކޯޑް ގަހަށް ނަން ދިންކަމުގެ ލިޔުން އެ ދެކަނބަލުންނާ ހަވާލުކޮށް ދެއްވީ ނޭޝަނަލް އޯކިޑް ގާޑަންގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޓެން ޕުޔޭ އެވެ.
ގައުމުތަކުގެ ވެރިން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުތަކުގައި އެންމެ ޚާއްސަ އެއް ކަމަކީ އެ ގައުމުގެ ނެޝަނަލް އޯކިޑް ގާޑްން އަށް ވަޑައިގަތުމެވެ. އެކަން ހާއްސަވެގެން ދަނީ ބަގީޗާގައި ހައްދާފައިވާ އޯކިޑަކަށް އެ ބޭފުޅެއްގެ ނަމަށް ނިސްބަތްކޮށް ނަން ދިނުމުންނެވެ. މިއީ ސިންގަޕޫރުން އިއްޒަތްތެރިންގެ ޝަރަފުގައި ކުރަމުން އަންނަ ކަމެކެވެ.
ރައީސްގެ ދެކަނބަލުން މިއަދު އޯކިޑް ގާޑަންއަށް ކުރެއްވި ޒިޔާރަތުގައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން މެހެމާނުން ސޮއި ކުރައްވާ ފޮތުގައި ރައީސާއި ފަސްޓްލޭޑީ ވަނީ ސޮއި ކުރައްވައިފަ އެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުންނަށް ނިސްބަތްކޮށް އޯކިޑަށް މިއަދު ނަން ދިން އިރު، 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސާލިހް އަދި އޭރުގެ ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އޯކިޑް ބަގީޗާ އަށް ވަޑައިގެން އޯކިޑަށް ނަން ދެއްވީ ދެކަނބަލުންގެ ނަމަށް ނިސްބަތްކުރައްވަ އެވެ. ދަނބުކުލައިގެ ޕަޕިލިއޮނަންޑާ އޯކިޑަށް ދެއްވި ނަމަކީ "އިބްރާހިމް މުހައްމަދު ސޯލިހް-ފަޒްނާ އަހްމަދު" އެވެ.