ads
ބީއެމްއެލްގެ އެމްޑީ ޝަރީފާއި ޕާލޭގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ މިއަދު އެއްބަސްވުމާ އެކު ފޮޓޯއެއް ނަންގަވަނީ - ފޮޓޯ: ބީއެމްއެލް
ކަނޑުތައް ހިމާޔަތްކުރަން ބީއެމްއެލްއިން ޕާލޭއާ ގުޅިއްޖެ
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ޕާލޭ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށް, ކަނޑުން ހޮވާ ޕްލާސްޓިކުން ބޭންކް ކާޑުތައް އުފައްދަން ތައްޔާރުވެއްޖެ އެވެ.
Advertisement

ތިމާވެށި ރައްކާތެރިކުރުމުގެ ޕްރޮގްރާމް "އީއެންވީ ޕީއޯއެސް" ގެ ދަށުން ޕާލޭ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. ޕާލޭ އިން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރައްވައި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ކަނޑަކީ ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ތަނަކަށްވީއިރު، ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކާއި ވަސީލަތްތަކަށް ނުރައްކާވަމުންދާ މިންވަރު އިތުރުވަމުންދާކަން ފާހަގަ ކުރައްވައިފައެވެ.

ޕާލޭއާއެކު ހެދި އެއްބަސްވުމަކީ ކަނޑުތައް ރައްކާތެރިކުރުމަށާއި، ޕްލާސްޓިކްގެ ބޭނުން މަދުކުރުމަށާއި، ތަކެތި އުފެއްދުމުގެ ކުރިމަގު ބަދަލުކުރުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް އެހީތެރިވެ، ބަދަލެއް ގެނައުމަށް ލިބުނު ފަހުރުވެރި ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކަމުގައި ބައިވެރިވުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އަޅުގަނޑުމެންގެ އައު ބޭންކް ކާޑުތައް ރާއްޖެއިން ނަގާ ޕްލާސްޓިކުން ތައްޔާރުކުރާ ޕާލޭ އޯޝަން ޕްލާސްޓިކްއިން އުފެއްދުމަށް ވެސް އަޅުގަނޑުމެން މި ދަނީ ތައްޔާރުވަމުން،" ޝަރީފް ވިދާޅުވި އެވެ.

ޕާލޭގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ ވިދާޅުވީ، ކަނޑުގެ ވެއްޓަށް މުހިންމު ބަދަލެއް ގެނައުމަށާއި ކަނޑަށް އަޅާ ޕްލާސްޓިކް އިންޓަސެޕްޓް ކުރުމަށް އެ ޖަމިއްޔާ އިން ކުރާ މަސައްކަތް ފުޅާކުރުމަށް ބީއެމްއެލްއާ އެކު މަސައްކަތްކުރުމަށް ލިބުނު ފުރުސަތާ މެދު އުފާކުރައްވާ ކަމަށެވެ.

އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްއިން ގެންގުޅޭ ދިގު މުއްދަތުގެ އަމާޒުގެ ދަށުން، ކަސްޓަމަރުން ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުގައި އީއެންވީ ޕީއޯއެސް ޓާމިނަލްތައް ބޭނުންކޮށްގެން ފެހި މުސްތަގުބަލަކަށް މަގު ތަނަވަސްކޮށްދޭނެ ޕްރޮގްރާމެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާއި އޭޓީއެމް އަދި ޑިޖިޓަލް ބޭންކިން ޚިދުމަތްތަކާއެކު، ބީއެމްއެލްއަކީ ރާއްޖޭގެ މާލީ ނިޒާމުގެ މުހިންމު ހިއްސާދާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް