
ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަން ހުށަހަޅަން ހުޅުވާލައިފަ އެވެ.
ފަޅުގެ ސަރަހައްދު ހިމެނޭ ގޮތަށް ފަރުމުލީގެ ބޮޑުމިނަކީ 71.18 ހެކްޓަރެވެ. މީގެ ތެރެއިން 15 ހެކްޓަރާ ހަމައަށް ހިއްކިދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ފަރުމުލީގައި ރިސޯޓު ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ 10:00 އަށް ބިޑް ހުށަހަޅަންޖެހެ އެވެ.
ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލި ޓޫރިޒަމަށް ހުޅުވާލައި ތަރައްގީކުރަން، އެ ފަޅުރަށަކީ މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ކަނޑައަޅުއްވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ފަރުމުލި މާފަރުގެ ބައެއް ނޫން ކަމަށް ރައީސް ކަނޑައެޅުއްވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުންނެެވެ.
އެ ނިންމެވުމާ އެކު ފަރުމުލި ބޭނުންކުރާނީ ޓޫރިޒަމް ބޭނުމަށް ތަރައްގީ ކުރެވޭ ރަށެއްގެ ގޮތުގަ އެވެ. މި ރަށުގައި ރިސޯޓެއް ހަދައި މާފަރާއި ނ. އަތޮޅަށް އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.