
މި ހިދުމަތް ފަށްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މާފަރުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މާލޭ ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ، އެމްޑަބްލިއުއެސްސީންނެވެ. އެ ކުންފުނިން ފެނާއި ނަރުދަމާގެ މަޝްރޫއު މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނިންމާލި 20 ރަށުގެ ތެރޭގައި މާފަރު ހިމެނެއެވެ.
މި މަޝްރޫއުގެ ދަށުން މާފަރުގައި ފެން ޕްލާންޓް ބަހައްޓައި، ފެސިލިޓީ ބިލްޑިން ވަނީ އިމާރާތްކޮށްފަ އެވެ. އަދި ފެން ރައްކާކުރުމަށް ތާންގި ބަހައްޓައި، ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯކް އަޅައި ގޭގެއަށް ފެނާއި ނަރުދަމާ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.
މީގެ އިތުރުން ނަރުދަމާގެ ޕަންޕިން ސްޓޭޝަންތައް ގާއިމްކޮށް، ސީ އައުޓް ފޯލް އާއި ރިޖެކްޓް ލައިން ވަނީ އަޅާފަ އެވެ. އަދި ފެނާއި ނަރުދަމާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ސާމާނާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދީފަ އެވެ.
މާފަރު ހިމެނޭހެން 20 ރަށުގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުއަށް ސަރުކާރުން މިމަޝްރޫއުތަކަށް ސަރުކާރުން 1.34 ބިލިއަން ރުފިޔާ ހަރަދުކުރައްވާފައިވެ އެވެ.