
މަސްތުވާތަކެއްޗާ ބެހޭ ގާާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށައެޅީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ ބިލް އޮތީ ދިރާސާ ކުރުމުގެ މަރުހަލާގައި ކޮމެޓީގައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ނުވަތަ އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތަކެއް ކަނޑައަޅަން ބޭނުންފުޅުވާތީ، ރައްޔިތުންގެ މަޖިލިހުގައި އޮތް ބިލް އިތުރަށް ދިރާސާ ކުރަން ކަމާ ގުޅޭ އިދާރާތަކަށް އަންގަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލން ކުރެއްވީ ރޭގައެވެ.
އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ގައުމު ތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައަޅާ އއެ ބިލުގައި ހިމަނަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވީ އެ ބިލަށް ފުލުހުންނާއި ޕީޖީ އޮފީހާއި ދައުލަތުގެ ކަމާއި ގުޅޭ ދާއިރާތަކުން މަޖިލީހަށް ހުށައަޅާފައިވާ ހިޔާލުތައް އޭޖީ އޮފީހަށް ލިބިފައިވާކަމަށެވެ. އެ ހިޔާލުތައް ދިރާސާކޮށްް ނިންމާ ނިންމުންތައް ހަފުތާއެއްގެ ތެރޭގައި މަޖިލިހަށް ހުށައަޅާނެކަމަށް އުޝާމް ވިދާޅުވިއެވެ. އަދި އެ ބިލްގެ މަސައްކަތް މަޖިލީހުގެ މިދައުރުގައި ނިންމަން މަސައްކަތް ކުރަމުން އަންނަކަމަށްވެސް ބަންޑާރަ ނައިބު އުޝާމް ވިދާޅުވިއެވެ.
ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރަން ނިންމައި އެ އަދަބު ދޭން ޑްރާފްޓް ބިލްގައި ހިމެނިކަން މިދިޔަ އަހަރު ސަރުކާރުން އިއުލާންކުރި އެވެ. އެކަމަކު، ސަރުކާރުން އޭރު އެންމެ ފަހުގެ ނިންމުން ނިންމައި އެ ބިލް މިދިޔަ އަހަރުގެ ފަހުކޮޅު ރައްޔިތުންގެ މަޖިލިހަށް ފޮނުވިއިރު މަރުގެ އަދަބު ދިނުމުގެ ބައި ހިމަނައިފައެއް ނެތެވެ.