
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުން މިއަހަރު ދޭ "ބޮޑު އިނާމެއް"ގެ ގޮތުގައި ދެ ސްޕީޑްބޯޓް ލިބޭ ޕްރޮމޯޝަނެއް ވަނީ އިއުލާނުކޮށްފަ އެވެ. އެ
ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު، ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓު ދޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އަދި ދެވަނަ ސްޕީޑްބޯޓު ދޭނީ އަންނަ އަހަރުގެ ޖުލައި މަހު އެވެ.
މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެ އެވެ.
މި ޕްރޮމޯޝަންގެ ލަކީޑްރޯގައި ބައިވެރިވެވޭނީ:
- ދިރާގު ޕްރީޕެއިޑް 450ރ. ނުވަތަ އެއަށް ވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން
- ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށް ވުރެ މަތީ ޕްލޭންތަކަށް
- އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭނަކަށް 450ރ. ނުވަތަ އެއަށް ވުރެ މަތިން ބިލު ދައްކާ ކަސްޓަމަރުންނަށް
ދިރާގުގެ ހިދުމަތްތައް މިހާރު ބޭނުންކުރަމުން އަންނަ ކަސްޓަމަރުންނާއި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ. އެގޮތުން، އަންނަ އަހަރުގެ މާޗުގެ ނިޔަލަށް މި ޕްރޮމޯޝަނަށް އޮންލައިންކޮށް އެންރޯލްކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ކަސްޓަމާ ވެލިއު މެނޭޖަރު ބްރޯޑްބޭންޑް އެންޑް ޑިވައިސަސް، އަހުމަދު އިޝާން ވިދާޅުވީ އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މޮބައިލް ޕޯސްޕެއިޑްގެ 450އިން މަތީގެ ޕެކޭޖުތައް ގެންގުޅޭ ކަސްޓަމަރުންނާއި ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ ކަސްޓަމަރުންނާއި މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ކަމަށެވެ. އަދި އެ ޕްރޮމޯޝަނުގައި ދިރާގާ އަލަށް ގުޅި އެ ޕެކޭޖުތައް ހިޔާރުކުރާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ އެވެ.
އިޝާން ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ދިއުމަށް ހަމަޖެހިފައިވާއިރު، މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެ ޕްރޮމޯޝަނުގައި ބައިވެރިވާ ކަސްޓަމަރުންގެ ނަމްބަރުތައް ހަތަރު ފަހަރަށް އެންރޯލް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްރޮމޯޝަނާއި ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިދިޔަ އަހަރުގެ "ވިން އަ ސްޕީޑްބޯޓް" ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބާއި އެއްބާރުލުން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއީ ދިރާގުން މިފަދަ ބޮޑު އިނާމެއް ލިބޭ ގޮތަށް ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ. ދިރާގުން 2023 ވަނަ އަހަރު އެ ޕްރޮމޯޝަން ފެށީ ޓެސްލާ ކާރަކާ އެކު އެވެ. އެއަށްފަހު، މިދިޔަ އަހަރު އެ ކުންފުނިން ވަނީ "މަޖެލަން 32" މޮޑެލްގެ ސްޕީޑް ބޯޓެއް ދީފަ އެވެ.
ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.