ads
ޓްރީޓޮޕް އަދި ކިމްސް ހޮސްޕިޓަލުން އޮޕަރޭޝަން ކުރުމަށްފަހު ލުހާ
ނުރައްކާތެރި ޓިއުމަރެއްގެ ވޭން ތަހައްމަލް ކުރަމުންދާ ލުހާއަށް، އެހީއެއް ދިއްކޮށްލައްވާ
ހަޔާތުގެ ހިތްފަސޭހަ ދުވަސްތައް ގުނަމުންދިޔަ، ހދ. ކުރިނބީ ހުވަނދުމާގޭ ލުހާ މުޙައްމަދު އަޝްރަފްއަކީ އުމުރުން އެންމެ 8 އަހަރުގެ ނުރައްކާތެރި ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ ކުޑަކުއްޖެކެވެ. ލުހާގެ ދިރިއުޅުމުގެ އުފާތަކަށް އައި ކޮޅިގަނޑު އައީ ހަމަ ކުއްލިގޮތަކަށެވެ.
Advertisement

ދިރިއުޅުމުގެ އާދައިގެ ހިނގާގޮތުން ހިނގަމުންދިޔަ ލުހާގެ ހަޔާތަށް ކުއްލި ބަދަލެއް އައީ، ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުރުމުން ފަރުވާ ހޯދަމުން ދަނިކޮށެވެ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް މައްސަލައެއް ނެތްކަމަށް ކުރިން ފެނުނު ނަމަވެސް، އެ ތުއްތު ކުއްޖާގެ ހާލަތު ބަދަލުވީ ހައިރާންކުރުވަނިވި ގޮތަކަށެވެ. ލުހާގެ މަންމަ، ޝިރުމީނާ އަބްދުﷲ ވަނީ "ސީއެންއެމް" އަށް ލުހާގެ ހާލަތުގެ ތަފްސީލުތައް ހިއްސާކޮށްފަ އެވެ.

your imageކެންސަރަށް ޕޮޒިޓިވް ވުމުގެ ކުރިން ލުހާ

"މިދިޔަ ރޯދަމަހު ލުހާ ވަރަށް ބޮޑަށް ހުންއައީ، ތިން ދުވަހު ހުންއައިސް ރަނގަޅުވުމަށްފަހު، ކުއްލިއަކަށް އެއް ލޯ ބޭރަށް ނުކުމެފައި ހުރިހެން ހީވީމަ ޑޮކްޓަރަށް ދެއްކުމަށްފަހު އެމްއާރުއައި ހެދީމާ އެނގުނީ ލޮލާއި ސިކުނޑިއާ ދެމެދު ވަރަށް ނުރައްކާތެރި ވައްތަރެއްގެ ޓިއުމަރެއް އުފެދިފައި ހުރިކަން، ޑޮކްޓަރުން އެވަގުތުން ވެސް ލަފާދިނީ އަވަހަށް އޮޕަރޭޝަން ކުރަން،" ލުހާގެ މަންމަ ބުންޏެވެ.

އާއިލާއިން އެވަގުތު ބެލީ ވީހާވެސް އަވަހަކަށް މި ނުރައްކާތެރި ބަލިން ލުހާ ސަލާމަތް ކުރެވޭތޯ ކަމަށް ޝިރުމީނާ ބުންޏެވެ.

" ރާއްޖެއިން މި އޮޕަރޭޝަން ކުރެވޭނެކަމަށް އެނގުމުން، މާލީ ހާލަތު ހުރި ގޮތުން ރާއްޖެއިން އޮޕަރޭޝަން ކުރެވޭތޯ މަސައްކަތް ކުރީ އަދި އައިޖީއެމްއެޗްގައި ލަސްވާތީ، ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔައީ، އަދި 15 ފަނަރަ ގަޑިއިރުގެ ދިގު އޮޕަރޭޝަނަކަށްފަހު ކުއްޖާ ނެރެފައި ޑޮކްޓަރު ބުނީ ޓިއުމަރު އެއްކޮށް ނެގިފައިވާ ކަމަށް، އެކަމަކު ނަގާފައި ހުރި އެއްވެސް ބައެއް އަޅުގަނޑުމެންނަށް ނުދައްކާ، ވަރަށް ބުނިން ޑޮކްޓަރުން ކައިރީގަ ކިހާވަރެއްގެ ޓިއުމަރެއްތޯ ބަލަން ނެގި ބައި ދައްކާށޭ، އެކަކަމު ޑޮކްޓަރުން ބުނީ ލުހާ ސަލާމަތްވޭތޯ އޭ މިހާރު ބަލަން ޖެހެނީ، ޓިއުމަރެއް ނޫނޭ، އޮޕަރޭޝަންގައި ޑޮކްޓަރު ޖަހާފައި ހުރި ނަރުތައް ނެއްޓި ދުވަހު ލުހާއަށް ފިޓްޖެހުނީ، އޮޕަރޭޝަނަށްފަހު ހެދި އެމްއާރުއައި އިން ވެސް ދެއްކީ ކުރިން އޭޑީކޭއިން ހެދި އެމްއާރުއައިއާ އެއްވެސް ތަފާތެއް ނެތްކަމަށް، ޓިއުމާ ހުރިކަމަށް،" ޝިރުމީނާ ބުންޏެވެ.

ޑޮކްޓަރާއި ސުވާލުކުރުމުން ޑޮކްޓަރު ބުނީ އޮޕަރޭޝަންގެ ސަބަބުން ދުޅަވެފައި ހުރިކަމަށާއި އެއީ ޓިއުމަރެއް ނޫންކަމަށެވެ. ނަމަވެސް، ޑޮކްޓަރު ސާމްޕަލްއަށް ނެގި އެތިކޮޅު ހޮސްޕިޓަލުން ބޮމްބޭއަށް ފޮނުވައިގެން ހެދި ޓެސްޓުން ހައިރާންކުރުވަނިވި ހަގީގަތެއް ހާމަވި އެވެ. އެއީ ކެންސަރަށް ބަދަލުވެފައިވާ ޓިއުމަރެއް ކަމަށެވެ.

"ޓްރީޓޮޕް ހޮސްޕިޓަލުން އަޅުގަނޑުމެން ކައިރީގައި ބުނީ ކެންސަރަށް ބަދަލުވެފައޭ، ވަރަށް އެމަޖެންސީކޮށް އިންޑިއާއަށް ފުރައިގެންދާން،" ލުހާގެ މަންމަގެ ބުންޏެވެ.

އާސަންދަ އެހީގައި ލުހާ ގޮވައިގެން އާއިލާއިން ދެވަނަ ފަހަރަށް އިންޑިއާއަށް ފުރައިގެން ދިޔައީ ކިމްސް ހޮސްޕިޓަލަށެވެ.

"ކިމްސް ހޮސްޕިޓަލުން ބުނީ ކުރިން ކުރި އޮޕަރޭޝަންގައި ޓިއުމަރު ނަގާފައި ނެތްކަމަށް، އަލުން އޮޕަރޭޝަން ކުރަން ޖެހުނީ ކުރިން އޮޕަރޭޝަން ކުރި ތަން ނޫން އެހެން ތަނަކުން، ކުރިން ބޮލުގެ މަތިން ވަރަށް ބޮޑަށް ފަޅާލާފައި އޮޕަރޭޝަން ކުރީ އެކަމަކު މިފަހަރު ކުރީ ބުމަމަތިން، ޓިއުމަރު އުފެދިފައި އިނީ ބުމައާއި ލޮލާ އެންމެ ކައިރިން. ލޮލުގެ ނާރުތަކުގައި ހިފާފައި ހުރުމުން، ޑޮކްޓަރަށް ވެސް ލޮލަށް ދެން ފެންނާނެކަމުގެ މާބޮޑު ޔަގީންކަމެއް ނެތް،" ޝިރުމީނާ ބުންޏެވެ.

ޓިއުމަރު ނެގުމަށްފަހު، ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގައި ލުހާ އަށް ދެވޭނެ ތެރަޕީއެއް ނެތް ކަމަށާއި ލުހާގެ ޓިއުމަރަކީ ދުނިޔޭގެ 14 މިލިއަނުން އެކަކަށް ޖެހޭ ވައްތަރުގެ ޓިއުމަރެއް ކަމަށާއި ޑޮކްޓަރުގެ ހަޔާތުގައި ވެސް މިވަރުގެ ނުރައްކާތެރި ޓިއުމަރެއް ނުދެކޭ ކަމަށް ބުނި ކަމަށެވެ. މި ފަރުވާ ދެވޭނެ އޭޝިއާގައި ހުރީ އެންމެ ދެތަނެއްކަމަށް ވެސް ޑޮކްޓަރު ބުނި ކަމަށް ޝިރުމީނާ ބުންޏެވެ.

your imageލުހާގެ ހާލަތު އަންގައިދޭ ބައެއް ޑޮކަޓްރުންގެ ލިޔުން ތަކަކާއި ރިޕޯޓް ތަކެއް 

ކިމްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ ލުހާއަށް ބޭނުންވާ "ޕްރޮޓޮން ތެރަޕީ" ދެވެން ހުރީ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުންނާއި ބޮންބޭގެ ޓާޓާ މެމޯރިއަލް ހޮސްޕިޓަލުންކަމަށެވެ. އަދި ޑޮކްޓަރުން ލަފާދިނީ ބޮންބޭގެ ޓާޓާ ހޮސްޕިޓަލަށް ދިއުމަށް ކަމަށް ވެސް ޝިރުމީނާ ބުންނެވެ.

"އާސަންދަ އެހީ ނުލިބޭތީ، އަޅުގަނޑުމެންގެ މާލީ ހާލަތު ހުރިގޮތުން އެހާ ބޮޑު އަދަދެއް ދެއްކެން ނެތީމަ، މި އައީ އެނބުރި ރާއްޖެއަށް، ޑޮކްޓަރު ވިދާޅުވީ 36,000 ޑޮލަރު ހަރަދުވާނެ ކަމަށް، އެއީ ދިވެހި ރުފިޔާއިން ފަސްލައްކައަށްވުރެ ގިނަ ރުފިޔާ، މަދުވެގެން ދެ މަސްދުވަސް ހޭދަވާނެ އިންޑިއާގައި މި ފަރުވާއަށް،" ލުހާގެ މަންމަ ކިޔައިދިނެވެ.

ޓިއުމާ ނެގުމަށްފަހު، ލުހާގެ އެއް ލޮލުން މިހާރު ނުފެންން ކަމަށްވެސް ލުހާގެ މަންމަ ޝިރުމީނާ ބުންޏެވެ. އަމިއްލަ ޒާތުގައި އެ ލޯ ނުވެސް ނުހުޅުވޭ ކަމަށާއި ކަޅި ވެސް ހަރަކާތް ނުކުރާކަމަށް އަދި ރާއްޖެއިން ކުރި އޮޕަރޭޝަންގެ ކުރިން ވެސް ކަޅި ހަރަކާތް ނުކުރަން ފެށިއިރު، މިއީ އުފާވެރިކަމާއެކު ކުރިން ކުޅެ އުޅުނު ކުޑަކުޑަ ލުހާއަށް ލިބުނު ބޮޑު ހިތްދަތިކަމެއް ކަމަށް ޝިރުމީނާ ބުނެއެވެ. ކެންސަރު ބަލިން ސަލާމަތްވުމަށް ފަރުވާ ފުރިހަމަކުރުމަށް އާއިލާއިން އެދެނީ ވީހާވެސް ގިނަ މީހުން ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިތުރު މައުލޫމާތު:

ލުހާގެ މަންމަގެ ރުފިޔާ އެކައުންޓު ނަންބަރު: 7701173437101 ( ޝިރުމީނާ އަބްދުﷲ )

ލުހާގެ މަންމަގެ ޑޮލަރު އެކައުންޓު ނަންބަރު: 7730000690600 ( ޝިރުމީނާ އަބްދުﷲ )

ލުހާގެ ބޮޑުދައިތަގެ ރުފިޔާ އެކައުންޓް ނަމްބަރު: 7730000752653 ( ބަދޫރާ އާދަމް )

ލުހާގެ ބޮޑުދައިތަގެ ޑޮލަރު އެކައުންޓް ނަމްބަރު: 7730000752710 ( ބަދޫރާ އާދަމް )

ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.                   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް