
އުމުރުން ދުވަސްވީ އަންހެނަކު މަރުވި އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރީ ލ. ފޮނަދޫ، ހޯރަ ވިލާ، މުހައްމަދު ނައުސާން، 37، ކަމަށް މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ފުލުހުން ބުންޏެވެ.
އެއީ އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން މީހާ އެވެ.
މީޑިއާތަކަށް ފުލުހުން ރޭ ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގައި މަރުވީ އުމުރުން 64 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ މަރުވީ ލ. ގަމު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ. މަރުވި އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން މިއަދު ބުނީ ހައްޔަރުކުރި ނައުސާންގެ ބަންދަށް ކޯޓުން 15 ދުވަސް މިއަދު ދީފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ލ. ފޮނަދޫ އާއި ގަން ގުޅާލާފައި އޮންނަ ލިންކް ރޯޑުގައި މީގެ ކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގައި މީހުންގެ ފުރާނަ ގޮސްފައިވެ އެވެ. އެއީ ރާއްޖޭގައި އޮންނަ އެންމެ ދިގު އެއް މަގެވެ.