
ދުވަސްތައް ހަފްތާތަކަށް އަދި ހަފްތާތައް މަސްތަކަށް ބަދަލުވެގެން ހިގައްޖެ އެވެ.
އެކަނިވެރިކަން ހަނދާންނެތި، ހިމޭން، އެކަހެރި ދިރިއުޅުން ޝައްޔާންގެ ލޮލުގެ ކެމެރާއިން ގެއްލުނުތާ ވީ ދުވަހެއް ނޭގެ އެވެ.
ނަމަވެސް މާޒީގެ އެކަހެރި އެ ދުވަސްތައް މިއަދު ޝައްޔާންގެ ހިތަށް އުނދަގޫކުރަން ފަށައިފި އެވެ. ހިނިތުންވުމާއި ޝަކުވާއާއި އުފަލާއި މަޖާނެގުމާއި، 'ޒުވާބުކުރުމާއި' ދިރިހުރުމުގެ ހުރިހައި ރަހައެއް ފަނޑުވެއްޖެ އެވެ. އެ ދުވަސްތައް ޝައްޔާންއާއި ވަކިވެއްޖެކަމުގެ ބިރުވެރި އިހްސާސް މިއަދު ކުރެވިއްޖެ އެވެ.
އެކަކު އަނެކަކާއި ދިމާކޮށް، ސަމާސާކުރުމާއި ވައްބަހުން އެއްޗެހި ބުނެލާ އަޑެއް ގޭތެރެއިން ނީވެ އެވެ. ރެއާއި ދުވާލުގެ ކެއުމުން އެތައް ވަގުތެއް ޝައްޔާންގެ ފަރުވާކުޑަކަމުން ކައްސާލުމުގެ ނަތީޖާއަކީ އަމާރާގެ އިންޒާރުތަކާއި އަމުރުތަކެވެ. އެކަމުގެ ލިސާނެއްވެސް ގޭތެރެއިން މިއަދު ނުވެ އެވެ. ރެއާއި ދުވާލުގެ ނިދުމާއި އަރާމުން މަހްރޫމްވެގެން މަސައްކަތުގައި ހޭދަކުރާ ދިގުވަގުތުތަކާއިމެދު ޝަކުވާކުރުމާއި، އެ ކިޔާއެއްޗެހިން ރެކެން ޝައްޔާން މަސައްކަތްކުރާގޮތުގެ އެއްވެސް އަޑެއް އޭނާގެ އަގުބޮޑު ޕެންޓްހައުސްގައި މިއަދު ނެތެވެ.
އަމާރާ ނެތްކަމުގެ އިހްސާސުން ޝައްޔާންގެ ހިތާއި ސިކުނޑި މޮޔަވަނީ އެވެ. މިވަރުގެ އިހްސާސަކުން ފޫނުބެއްދޭވަރުގެ ހުސްކަމެއް އިހްސާސްވާންޖެހޭ ސަބަބެއް ޝައްޔާންއަކަށް ނުވިސްނެ އެވެ. އެނގޭހާވެސް އެއްޗަކީ މިއީ، ހަމައެކަނި އެކުވެރިކކަމެއް ނޫންކަމެވެ!
އަތުގައި އޮތް ފޯނު އިރުއިރުކޮޅުން އަންލޮކް ކޮށްލަ އެވެ. ސައިލެންޓްކޮށްފައި ނެތް ފޯނަކަށް މެސެޖެއް އަތުވެއްޖެނަމަ އޭގޭ އަޑުވެސް އިވޭނެކަން ޝައްޔާންއަށް ނޭގެނީއެއް ނޫނެވެ. އަމާރާގެ ކޯލަކަށް ނުވަތަ މެސެޖަކަށް އޭނާ ކުރާ އިންތިޒާރު ބުނެދޭން ނޭގުނަސް، ހުއްޓުމެއްނެތި ތަޅުވަމުންދިޔަ ފައިން އެކަމުގެ ގަދަ އަސަރު ފެނެ އެވެ.
"މީދެން ތަންކޮޅެއް ބޮޑުވަރެއް! އަހަރެން ދިރިހުރިތޯ ނޫންތޯ ބަލައިލުމަށް އޭނާގެ ހިތަށްވެސް ނާރާ!"
ލިބެމުންދިޔަ މާޔޫސްކަމާއެކު ކަންފަތުން ނިކުންނަމުންދިޔަ ހޫނުގެ އަސަރުން ޝައްޔާންގެ ނުތަނަވަސްކަން އިތުރރުވަމުންދިޔައީ ކެއްތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތީ ތ އެވެ.
..............
ރާފީއަށް ދިއްލީން ލިބުނު ސްކޯލާޝިޕެއްގައި ދިގުމުއްދަތަކަށް ފުރަންޖެހުމާއެކު ރާފީއާއެކު އެކުދިންގެ މަންމަ ފަރީހާވެސް ދިއުމަށް ނިންމީ އެވެ. މަންމައާއި ކޮއްކޮގެ ދިރިއުޅުން ވަގުތީގޮތުން ދިއްލީއަށް ބަދަލުކުރުމާއެކު ހަމަޖައްސަންޖެހޭ ގިނަކަންކަން ހުރުމުން، އެދެމައިންނަށް އެހީތެރިވުމަށް އަމާރާވެސް ޗުއްޓީއެއް ނަގައިގެން ދިއްލީއަށް ދިޔަތާ މިއަދަށް މިވީ ތިން ދުވަހެވެ.
އަމާރާ ނެތުމާއި ޝައްޔާންގެ މޫޑް ބަދަލުވަމުންދިޔަ ހަލުވި މިނުގެ ހުރިހައި ޕްރެޝަރެއް އުފުލަންޖެހުނީ، ޝައްޔާންގެ މެނޭޖަރ ތަސްކީންއަށެވެ. ތަސްކީންގެ ރެއާއި ދުވާލުގެ ދުއާއަކީ ވީ އެންމެ އަވަހަކަށް އަމާރާ މާލެ އައުމެވެ. އަދި އޮޔާއި ވަޔާއެކު މަތިވަމުން، ތިރިވަމުންދިޔަ ޝައްޔާންގެ ލޭގް ޕްރެޝަރު ހަމަޔަކަށް އަޅުވައިދިނުމެވެ. ލިބެމުންދިޔަ އިންޓަރނޭޝަނަލް ހުރިހައި މަސައްކަތަކަށް ޝައްޔާންދިޔައީ ނޫނެކޭ ބުނަމުންނެވެ.
"މީގެތެރޭގައި ނެތް ރަގަޅު އެންމެ ސްކްރިޕްޓެއްވެސް! ރަގަޅު ލިޔުންތެރިން ނެތިއްޔާ މުޅި ދުނިޔޭގައި އަތްފުނާއަޅައިގެންވެސް ފެންވަރު ރަގަޅު ލިޔުންތެރިޔަކު ހޯދާށޭ އެމީހުންކައިރީގައި ބުނޭ!" ޝައްޔާންގެ އަތުގައި އޮތް ފައިލް އެއްލާލީ ތަސްކީންގެ މޫނާއި ދިމާއަށެވެ.
ނަސިބަކުން، ހުށިޔާރުކަމާއެކު ތަސްކީން އެފައިލް ހިފައިފި އެވެ. މިހުރިހައިކަމެއްގެ އަސްލަކީ ޝައްޔާންގެ ގާތުގައި އަމާރާ ނެތުމާއި، އަމާރާގެ ކޯލެއް ނައިސް ލަސްވުންކަން ތަސްކީންއަށް އެނގެ އެވެ.
ޝައްޔާންގެ 'އިޓަލީ ކުކް' ތައްޔާރުކުރާ ކާނާ، ކިތަންމެ ސިއްހަތަށް ރަގަޅުވެފައި ރަހަތަށް ފުރިހަމަވިޔަސް ޝައްޔާންގެ ރުހުމާއެކު އެއިން އެއްޗެއް އޭނާގެ ކަރުން މިހާރު އެތެރެނުވެ އެވެ.
"ހެޔޮނުވާނެ އެންޒޯ ކައިރީގައި ބުނޭ، ކައްކަން ނޭންގެއްޏާއި ވީ އެންމެ އަވަހަކަށް އޭނާގެ ރަށަށް ދާށޭ! އަމާރާ ކައްކާގޮތަށް އެންމެ އެއްޗެއްވެސް ހަދަން އޭނާއަށް ދަސްނުވިތަ؟ ބޮޑުއަގުގައި އޭނާ ބަހައްޓާފައި އެހުރީ މި ރާއްޖޭގައި ހޮލިޑޭ ހަދާކަށް ނޫން! އަމާރާޔާ ނުލާ އެންމެ ދުވަހަކުވެސް އަހަރެން އުޅޭނެ ގޮތެއް ކަލޭމެން ބުނެބ..." ދުލުން ބޭރުވި ޖުމުލަ ޝައްޔާންގެ ކަންފަތާއި ސިކުނޑިއާއި ހަމައަށް ވާސިލްވުމަށް ގިނަވަގުތެއް ނުނެގި އެވެ.
އިސްޖަހައިލީ ތަސްކީން އެކަންޏެއް ނޫނެވެ. ޝައްޔާންގެ ނުތަނަވަސް މޫނާއި އެ މީޒާޖުން ތަސްކީންގެ ހިނިގަނޑު ކޮންޓްރޯލްކުރަން ފަސޭހައެއް ނުވި އެވެ.
ބުނާނީވެސް ކިކޭ ހެއްޔެވެ؟ އެންމެ އަގުބޮޑެތި ޕްރޮޑިއުސަރުން ފޮނުވާ ސްކްރިޕްޓްތަކާއި، ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ މޮޅެތި ޝެފުންގެ ހުނަރާވެސް ޝައްޔާން އަޅާކިޔަނީ އަމާރާ އެވެ.
އަމާރާގެ އަޅާލުމާއި އޯގާތެރިކަމާއި، ކޮއްދޭކޮންމެ ކަމެއްގައި ބަހައްޓާ ޝައުގުވެރިކަމާއި، ބަދަލެއް ނުވި ހުނަރަށް، ޝައްޔާންގެ ހިތް ގެއްލި ނިމިއްޖެ އެވެ.
..............
އަމާރާ ދިއްލީގައި!
އަމާރާ އޭނާގެ ކޮއްކޮ ރާފީ އާއި، މަންމަ ފަރީހާއާއެކު ދިއްލީގެ މަޝްހޫރު ބައެއް ތަންތަން ބަލައިލުމަށް ކުރަމުންދިޔަ ކާރު ދަތުރުތައް ނިންމާލާފައި ކާން އިށީނީ މަގެއްގެ މަތީން ފެނުނު ގާޑިޔާއެއް ކައިރީގަ އެވެ. އިންސާފްކުރަމުންދިޔަ 'ދޯސާ'ގެ ފުރިހަމަ ރަހައާއިމެދު ރާފީގެ ތައުރީފް އޮހެމުންދިޔައިރު އަމާރާގެ ލޮލުގެ ކަޅި އިރުއިރުކޮޅާ އަމާޒުވަމުންދިޔައީ އޭނާގެ ފޯނުގެ ސްކްރީނަށެވެ.
ކޯލެއް އައުމުގެ އުއްމީދެއް ނެތަސް، ޝައްޔާންގެ މެސެޖަކަށް އަމާރާ ކުރަމުންދިޔަ އިންތިޒާރަށް ނިމުމެއް ނާދެ އެވެ.
"އަމޫ ދަރިފުޅާ..! ދަރިފުޅުގެ ފޯނުގެ ސްކްރީނުން ކޯންޗެއް ފެންނަނީތަ؟ މޮޔައެއްހެން، ހިނިއައިސްފައި، ހިޔާލަކަށް ގެއްލިފައި ތިޔައިންނަނީ ވަކިމީހެއްގެ ކޯލެއްގެ އިންތިޒާރުގައިތަ؟" މަންމަގެ އަޑަށް އަމާރާ ދިޔައީ ސިއްސައިގެންނެވެ.
"ނަތިންގ މަންމާ.." އަވަސް އަވަހަށް ފޯނުގެ ސްކްރީން އަމާރާ ނިވާލައިފި އެވެ.
ހިނގާދިޔަ ހާދިސާގެ ކޮންމެ އިޝާރާތެއް ރާފީގެ ބުއްދިވެރި ޒުވާން ސިކުނޑިން ދެނެގަތްފި އެވެ.
"ދޮންތާ... ވަކި ހާއްސަ ސްޕާސްޓާރެއްގެ ހިޔާލަށް ގެއްލިފައިތަ؟" އެއް ބުމަ މައްޗަށް ހިއްލާލާފައި ރާފީ ބުނެލީ އަމާރާއާއި ދިމާކޮށްލުމުގެ ގޮތުންނެވެ.
އަތުގައި އޮތް އޫ، ރާފީއާއި ދިމާއަށް އެއްލުމުން ހުސިޔާރުކަމާއެކު އެ އޫ ރާފީ ހިފި އެވެ.
"އަނގަ މަޑުންލައިގެން އިނދެ، ކައި ނިންމަބަލަ!" ދަތްކުނޑިވިކާލާފައި އަމާރާ ބުނުމުން، ދެ ދަރީންގެ ގުޅުމުގެ އެ އުފާވެރި މަންޒަރު އެންމެ ހިއްގައިމުވީ ދެކުދިންގެ މަންމަ ފަރިހާ އަށެވެ.
.................
މެންދަމުގެ ވަގުތެވެ. އިވެމުންދިޔަ އަޑުގަދަ ބަރުގޮނުތަކާއި ކޮޅުކޮޅަށް ދުއްވާ ވެހިކަލްތަކުގެ ހަރަކާތްތައްވެސް ހިމޭން ވެއްޖެ އެވެ.
އަމާރާގެ ލޮލަކަށް މިރޭވެސް ނިންޖެއް ނައި އެވެ. ފޯނު ހިފައިގެން ޝައްޔާންގެ މެސެޖްތަކަށް ބަލަހައްޓައިގެން އިނުމަކީ އުފަލެކެވެ. މޫނަށް ވެރިވި ލުއި ހިނިތުންވުމާއެކު އަމާރާގެ ލޮލުގެ ވިދުން ބަބުޅާލި އެވެ. ވަރަށް ހަމަޖެހިލާފައި ތައްޔާރުވީ މެސެޖެއް ޓައިޕްކޮށްލާށެވެ.
"ކައިފިންތަ؟" ޓައިޕްކުރުމަށްފަހު އެ މެސެޖަށް ބަލަހައްޓައި އަމާރަ އިނދެ ހިނިތުންވެލައިފި އެވެ. ދެ ފަރާތަކަށް ބޯ ހޫރުވާލާފައި ނިއްކުރީގައި އޭނާގެ އިނގިލިތަކުން ހިފަހައްޓާލި އެވެ.
"އޭނާގެ މަންމައަކު ކުރާ ޒާތުގެ މެސެޖެއް މި ލިޔެވުނީ ކީއްވެބާ؟" އަމިއްލަ ހިތާއި އަމާރާ ސުވާލުކުރި އެވެ. ލިޔުނު މެސެޖް މިފަހަރުވެސް ފޮހެލީ، ފޮނުވާނެ ހިއްވަރެއް ނެތީމަ އެވެ.
.................
އެކަކު އަނެކަކާއި ނުލައި އުޅުމަކީ ނުވަތަ ދުރުގައި މިގޮތަށް ތިބުމަކީ ދެމީހުންނަށްވެސް ފަސޭހަކަމެއް ނޫނެވެ. ދެރަކަމަކީ އެކަން ގަބޫލުކުރާން ދެމީހުންވެސް ފާޅުގައި އިންކާރުކުރާތީ އެވެ. ހިތުގެ އެންމެ އަޑީން ދެމީހުންވެސް ގަބޫލުކުރާ ކުރުމަކީ، އެކަކު އަނެކަކު އެއީ ދެމީހުންގެ ވެސް 'އާދައެއް'ކަމަށެވެ.
އެކަކާއި ނުލައި އަނެކަކަށް އުޅެން އުނދަގޫވުމަކީ ދެމީހުންގެ ބުރަ ޝެޑިއުލްގައި އުޅެމުންވެސް އެކުގައި ހޭދަކުރެވިފައިވާ ވަގުތުތަކުގެ އުފާވެރިކަން ކަމަށް، އެމީހުން ވަނީ ނިންމާފަ އެވެ.
ނަމަވެސް ހަގީގަތަކީ ކޮބައި ހެއްޔެވެ؟ ސުމާރެއް ނެތް މިންވަރަށް އެކަކު އަނެއްކަކަށްޓަކައި ހިތް ދެވިފައިވުމެވެ!
ދުރުގައި ތިއްބަސް އުފެދިފައިވަނީ، ހިނދުކޮޅަކަށްވެސް ހިތާއި ނަފުސާއި އަދި ފިކުރުތަކާއިވެސް ވަކިވުމެއް ނެތް ބާރުގަދަ އިހްސާސްތަކެވެ. ނަމަވެސް އެފަދަ ވިންދެން ފާހަގަކުރާން ދެމީހުންވެސް ވަނީ ނުކުޅެދިފަ އެވެ. އެކަކު އަނެކެއްގެ މައްޗަށް ހިތް ދެވި، ވަކިވުމަކީ ސަޒާއެއް ކަމަށް ވިސްނޭނެ ވަގުތެއްގެ އިންތިޒާރުގައި މެންދަމުގެ ތަރިހަނދު ފިޔަޖަހަން ތިއްބެވެ.
..............
ހަފްތާއެއް ފާއިތުވެއްޖެ އެވެ. ދިއްލީގައި އަމާރާ ހޭދަކުރަމުންދިޔަ ވަގުތުތަކުގެ ކޮންމެ ސިކުންތެއް ޝައްޔާންގެ މިލްކަކަށް ހަދަން އޭނާ ބޭނުމެވެ. ކެއްތެރިކަން ކޮޅުންލަނީ އެވެ. އަމާރާ ނުފެންނަތާގައި، މެސެޖެއް ނުވަތަ ފޯނުކޯލެއްވެސް ލިބެނީ ހާލަކުން ފަހަރަކު އެވެ.
ދެމީހުންގެ ވަގުތާއި ހާލަތު، އެކަމަށް ފުރުސަތެއް ނުދެ އެވެ. ޝައްޔާންގެ މޫޑާއި އޭނާގެ މިޒާޖު ބަދަލުވެ، ތަސްކީންއަށް ޝައްޔާންގެ ކަންކަން ހައްލުކުރުން އުނދަގޫވެއްޖެ އެވެ.
..............
އެނދުގައި ފުރޮޅިފުރޮޅި ވަރުބަލިވެގެން ޝައްޔާން ތެދުވި އެވެ. ސައިޑް ޓޭބަލްމަތީން ފޯނު ނަގާފައި ބަލައިލީ ނޮޓިފިކޭޝަނެއް އޮތް ތޯ އެވެ! ހަމައެކަނި އަމާރާގެ ހަބަރެއް ވޭތޯ އެވެ. ތުނަވަސްކަމާއެކު ފޯނު، އަތުތެރޭގައި ހައްޔަރުކޮށްލި އެވެ. މެސެޖްކުރާންވެސް ބޭނުމެވެ. އެ ހިތްގައިމު އަޑު އަހާލަންވެސް ބޭނުމެވެ. ނަމަވެސް، އިސްކޮޅަށްވުރެން ބިޔަބޮޑު 'އީގޯ' ޝައްޔާންގެ ހަތަރެސްފައިގައި ހިލިހިލާ އަޅުވާފައި ހުރިކަހަލަ އެވެ.
"ކޮންމެ ފަހަރަކު، އެންމެ ފުރަތަމަ ގުޅާމީހަކީވެސް އަހަރެން، މެސެޖެއްކުރަންވިޔަސް އިސްނަގަންޖެހެނީ އަހަރެން..، މިކަން ޖެހޭނީ މި ނޫންގޮތަކަށް ބަދަލުވާން..! މިކަން ބަދަލުކުރާނީވެސް އަހަރެން!" ދަތްކުނޑިވިކާލާފައި ޝައްޔާންގެ ފޯނު އޮން ކޮއްލި އެވެ.
އެކަމަކު ޝައްޔާންގެ ސްކްރީނުން ފެނުނީ އަމާރާގެ ނަމެއް ނޫނެވެ.
"ދިއްލީގައި ބައްދަލުކުރެވޭގޮތަށް މީޓިންގއެއް އިންތިޒާމުކުރޭ!" އިވުނީ އަމުރެކެވެ! (ނުނިމޭ)