
ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާޙު ގެނައުމުގެ ބިލު ރައްޔިތުން މަޖިލީހުން ފާސްކުރީ މި މަހުގެ 6 ވަނަ ދުވަހު އޮތް ޖަލްސާއިންނެވެ. އެހެންނަމަވެސް ބިލް ތަސްދީގު ކުރަން ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ވަނީ މިމަހުގެ 20 ވަނަދުވަހު އަނބުރާ މަޖިލިހަށް ފޮނުއްވާފަ އެވެ.
ރައްޔިތުން މަޖިލީހުގައި ދައުރުން ބޭރުގައި މިއަދު ބާއްވާ ޖަލްސާއަށް މިއަދު ވަނީ އެ ބިލް އަލުން ހުށައަޅުއްވާފައެވެ. އަލުން މި ބިލް މަޖިލިހަށް ހުށައަޅުއްވާ ރައީސް ޑރ. މުއިއްޒު ފޮނުވި ސިޓީގައިވަނީ އެ ބިލް ތަސްދީގުކުރަން ފޮނުވުމުން ބައެއް ފަރާތްތަކުގެ ހިޔާލުތައް ލިބިފައިވާކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ބޭނުންވާ މުހިއްމު ކަންކަން ބިލުގައި ހިމަނަން ބޭނުންވާކަމަށްވެސް ރައީސް މުއިއްޒު މަޖިލިހަށް ފޮނުވި ސިޓީގައިވެ އެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހްމަދު ނަސީރު ހުށަހެޅުއްވި ބިލްގައި ވަނީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނި ކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ހިމަނާފަ އެވެ. އެގޮތުން ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމާ ގުޅޭ މާއްދާއެއް ވަނީ ގާނޫނަށް އިތުރުކޮށްފަ އެވެ. މީގެކުރިން ގާނޫނުގައި އޮންނަނީ ތެލަސީމިއާއަށް ޓެސްޓުކުރުމުގައި ފަރުދުންގެ ޒިންމާއާ ގުޅޭ މާއްދާއެކެވެ.
މި ގާނޫނަށް އިތުރުކުރާ މާއްދާގައި ބުނެފައިވަނީ ކައިވެނިކުރަން އެދޭ ދެ ފަރާތުންވެސް ކައިވެނި ކުރުމަށް ހުއްދައަށް އެދި ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭނީ ތެލަސީމިއާ ޓެސްޓް ކުރުމަށްފަހު އޭގެ ނަތީޖާއާއެކުގައި ކަމަށެވެ. އަދި އެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ، އެފަދަ ކައިވެންޏެއް ކޮށްދެވޭނީ ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ އިތުރުން ތެލަސީމިއާ އެންޑް ހިމޮގްލޮބިނޯޕެތީސް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގެ ޝަރުތުތައް މުރާޖައާ ކުރުމަށާއި އެ މަގާމުގެ މަސްއޫލިއްޔަތުތައް ގާނޫނުގައި ބަޔާންކުރުންވެސް ބިލުގައި ހިމަނާފައިވެ އެވެ.