
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، މި އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، ދެ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5 އިންސައްތަ ދެގުނަ ބޮޑުކޮށް، 10 އިންސައްތަ އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރޯދަ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ވެސް ވަނީ ނިންމާފަ އެވެ.
ލާމަރުކަޒީ ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމްލަ އަދަދުގެ މަދުވެގެން 5 އިންސައްތަ އަންހެނުންގެ ކޮމިޓީތަކަށް ދޭން ޖެހެ އެވެ. އަދި ކައުންސިލްތަކަށް ހިލޭ އެހީ ލިބޭތާ ގިނަވެގެން 30 ދުވަހުގެ ތެރޭ ކޮމިޓީއާ ފައިސާ ހަވާލުކުރަން ޖެހެ އެވެ.
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނަށް އެލަވަންސް ދިނުމުގެ ބަދަލުގައި ރަސްމީ މުސާރަ އާއި ރޯދަމަހުގެ އިނާޔަތް ލިބޭ ގޮތަށް ބަދަލުކުރެއްވީ ވެސް ރައީސް މުއިއްޒެވެ.
- އިތުރަށް ކިޔާލަން: އަންހެނުން ކޮމެޓީއަށް ރޯދަ އެލަވެންސް ދޭ ގާނޫނު ތަސްދީގުކޮށްފި