އިންތިހާބީ މީހާ އާ ހަވާލުވާ އެންމެ ބޮޑު އެއް އަމާނާތަކީ އަދި ވާޖިބަކީ ރައްޔިތުންގެ ކަންކަން ކުރާ މީހުން ޖަވާބުދާރީ ކުރުވުމެވެ. އަދި އިންތިހާބުވި މީހާގެ މައްޗަށް އޮތް އެންމެ ބޮޑު އަމާނާތަކީ އޭނާ އާ ހަވާލު ކުރެވުނު ބޮޑު މަސްއޫލިއްޔަތު އަދާ ކުރުމުގައި އޭނާ އިންތިހާބު ކުރި މީހާއަށް ވެސް ޖަވާބުދާރީވުމެވެ. ނަމަވެސް އެވަރު ބޮޑު މަސްއޫލިއްޔަތެއް ބޮލުގައި އެޅިފައިވާކަމުގެ އިހްސާސް އިންތިހާބުވާ މީހުންނަކަށް ނުކުރެވެ އެވެ.
ގައުމުގެ ކަންކަން ތަރުތީބުކޮށްފައި އޮންނަ ގޮތުން ގައުމުގެ މައިގަނޑު ހިންގުން ހަވާލު ކުރާނީ ރައްޔިތުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އަށެވެ. ރައީސަށް ފާރަވެރިވުމުގެ ޒިންމާ އާއި ރައީސް ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމުގެ މައިގަނޑު އެންމެ ބޮޑު މަސްއޫލިއްޔަތާއި ހުރިހާ ޒިންމާއެއް ހަވާލުކޮށްފައި މި އޮންނަނީ ރައްޔިތުންގެ މަންދޫބުންގެ މައްޗަށް ތަރުތީބުވެފައިވާ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް ހިތާމަ އަކީ ރައްޔިތުންގެ މަޖިލީހުގައި ތިބޭ ރައްޔިތުންގެ މަންދޫބުން ޖަވާބުދާރީ ކުރެވޭނެ ސާފު މަގެއް ގާނޫނު އަސާސީގައި ކަނޑައަޅާފައި ނެތުމެވެ. ތަހުޒީބު ގައުމުތަކުގައި ކަންކަން ކުރާ އުސޫލުން ދިވެހިން ކަންކަން ކުރާނެ ކަމަށް ހީކޮށްގެން ގާނޫނު އަސާސީ ހަދައިގެން އޭގެ މައްޗަށް ގައުމު ހިންގާތާ 17 އަހަރުވެގެން ދިޔައިރު ވެސް މެމްބަރުންގެ ކިބައިން އެ ފަދަ އެއްވެސް ކަމެއް ނުފެނުނެވެ.
ދެން އޮތީ މެމްބަރުންގެ އިތުރުން ނުވަތަ ދައުލަތުގެ ދެން ވެސް ހުރި މުއައްސަސާތަކުގެ މީހުންނަށް ފާރަވެރިވާން އޮތް މިނިވަން މުއައްސަސާތަކެވެ. އެ ތަންތަނުގައި ތިބޭ މީހުންނަށް ވެސް މެމްބަރުންގެ މައްޗަށް ކިތަންމެ ބޮޑު ތުހުމަތެއް ކުރި ނަމަވެސް އެކަން ބަލާލުމުގެ ހިތްވަރަކާއި ފަންވަރެއް ނުހުރެ އެވެ. މެމްބަރެއްގެ މައްޗަށް ކިތަންމެ ބޮޑު ތުހުމަތެއް ކުރި ނަމަވެސް އެކަން ތަހުގީގުކޮށްލަން ކެރޭވަރުގެ ފުލުހުންގެ އޮފީހެއް އެބަ ހުރި ތޯ އެވެ. އެހެން ކަމުން ރައްޔިތުންގެ މަންދޫބުން ޖަވާބުދާރީ ކުރެވޭނެ މަގެއް ނެތުމުން މެމްބަރުން ހިތު ހުރިގޮތަކަށް ހިތު ހުރިކަމެއް ކޮށްލަކޮށްލަ ތިބުމަކީ އާންމުކަމަކަށްވެ ނިމިއްޖެ އެވެ. ހުރިހާ ވެސް ގެއްލުމެއް އޮތީ ގައުމަށާއި ބޮޑުތަނުން ރައްޔިތުންނަށެވެ.
ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހުން ޖަވާބުދާރީ ކުރުމުގެ ފުރުސަތު މިހާރަށް ވުރެ ބޮޑަށް ލިބޭ ހިންގުމުގެ އޮނިގަނޑެއްގެ މުހިންމުކަން ދިވެހިންނަށް ވިސްނޭނެކަމަށް ފެނެ އެވެ. ނުވިސްނޭ ނަމަ ވިސްނަން މަޖުބޫރު ވެއްޖެ އެވެ. ގައުމުތަކުގެ ރިސޯސަސް ހުސްވަމުންދާ ވާހަކަ އަކީ އަޑު ގަދަކޮށް ދައްކާ ވާހަކަ އެކެވެ. އެ އުސޫލުން ރާއްޖޭގެ ވަސީލަތްތައް އަންނަށް އޮތް ޖީލަށް ރައްކާތެރިކަމާއެކު ރައްދު ކުރުމަކީ މި ޖީލުގެ ޒިންމާއެކެވެ.
އެހެންކަމުން އެވަސީލަތް ބޭނުން ކުރުމުގެ ހުއްދަދޭ އަދި އެ ވަސީލަތްތައް ބޭނުން ކުރަނީ އެންމެ ފައިދާ ހުރިގޮތުގައިތޯ ބެލުމުގެ ޒިންމާ އެޅިފައިވާ މަޖިލީހުގެ މެމްބަރުން އެކަންކަން ނުކޮށް ތިބޭ ތިބުމުގެ ދެރަ ދިވެހިން ތަހައްމަލު ކުރަން ޖެހިފައި ތިބޭ ތިބުމަކީ އެ މީހުން ޖަވާބުދާރީ ކުރުވޭނެ މަގެއް ހޯދަން މަޖުބޫރުވެފައިވާކަން ސާބިތުވާ ކަމެކެވެ.
އެހެންކަމުން އެހެން ގައުމެއްގައި ކުރިޔަސް ނުކުރިޔަސް ރައްޔިތުންނަށް ނުވަތަ އިންތިހާބު ކުރުމަށް ވޯޓްލީ ބަޔަކަށް މެމްބަރުން ޖަވާބުދާރީވާން މަޖުބޫރު ގޮތެއް ކަނޑައަޅަން ޖެހެ އެވެ. އެ ގޮތަކީ ދުސްތޫރީ ގޮތުން ރައްޔިތުންނަށް ލިބިފައިވާ ބާރަކަށް ވެސް ހަދަން ޖެހެ އެވެ.
މި މަގަށް ވިސްނާއިރު ކައުންސިލަރުންނާއި މެމްބަރުން ޖަވާބުދާރީ ކުރުވުމަށް އާ ގޮތެއް ހޯދަން ޖެހެ އެވެ. އެ ގޮތުން ކުރެވިދާނެ އެއް ކަމެއް ފާހަގަކޮށްލަމެވެ. ރައްޔިތުންނަށް ޖަވާބުދާރީވާނެ ސެޝަންތަކެއް ކަނޑައަޅައި އެ ސެޝަންތަކުގައި ޖަވާބުދާރީ ކުރުވުމުގެ ގޮތުން ސުވާލާއި ޖަވާބު ދޭން މަޖުބޫރު ކުރެވިދާނެ އެވެ. އަދި އިންތިހާބީ ދާއިރާގައި ރައްޔިތުންގެ ފޯރަމްއެއް ބާއްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުން އަޑުއެހުމާއިއެކު ރައްޔިތުންގެ ފެންނަ ނުފެންނަ އެއް ނަގަން ފެނޭތޯ އެފޯރަމްގައި ވެސް އެހިދާނެ އެވެ. އެއިން ފާސްވެއްޖެ ނަމަ އެކަން އަމަލީ ގޮތުން ހިންގުމަށް ކަމާއި ގުޅުން ހުރި ގާނޫނީ އިދާރާތަކަށް ހުށައެޅިދާނެ އެވެ.
މީގެ އިތުރުން ރިޔާސީ ދައުރުގެ މެދުން ރައްޔިތުންގެ މަޖިލީހުގެ ބައެއް ގޮނޑިތަކަށް އިންތިހާބުކުރުމަށް ބާއްވާ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވި ދާނެ އެވެ. އޭރަށް ގައުމުގެ ސިޔާސީ ހާލަތު ވަޒަން ކުރަން ފަސޭހަވެ. އެ މައުލޫމާތުގެ އަލީގައި ސިޔާސީ ކަންކަން ބައްޓަން ކުރަން ފުރުސަތު ލިބިގެން ދާނެ އެވެ.
ޖަވާބުދާރީވުމަށް ކަނޑައަޅާފައި އޮންނަ ސެޝަނަށް އިންތިހާބީން ހާޒިރިނުވެއްޖެނަމަ އޭނާގެ މަގާމު ގެއްލޭނެ ކަމަށް ކަނޑައެޅުމަކީ އެ އިންތިޒާމު ކާމިޔާބު ކުރުމަށް ހުޅުވާލެވޭ ޔަގީންކަން ބޮޑު ފަރުވާއަކަށް ވެދާނެވެ. ދެން އޮތީ ޖަވާބުދާރީވާގޮތުން ހާމަވާ ކަންކަމުގެ މައްޗަށް ވެސް ބަލައިގެން ނުވަތަ އެހެން މައުލޫމާތުގެ މައްޗަށް ވެސް ބަލައިގެން މެމްބަރު މަގާމުގައި ހުންނަށް ފެނޭތޯ ނުވަތަ ނޫން ތޯ ކަނޑައެޅުމަށް ރިކޯލް ވޯޓެއް ނަގަން ކަނޑައެޅުމެވެ. މި ވޯޓު ނެގޭނެކަމަށް ގާނޫނު އަސާސީގައި ކަނޑައެޅުމަކީ ވެސް މެމްބަރުން ޒިންމާދާރުވުމަށް މަޖުބޫރުވާނެ ކަމަކަން ނުވާނެތޯ އެވެ.
ގާނޫނީ ފަންނުގެ ދާއިރާގެ ބޭފުޅަކު ވިދާޅުވީ މަޖިލިސް މެމްބަރުން ހިމެނޭހެން އިންތިހާބީން ޒިންމާ އަދާނުކުރާ ކަމަށް އެ ދާއިރާއެއްގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ނަމަ، އެ މީހަކު އެ މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މުހިންމު ކަމަށެވެ.
މި ދެންނެވި އުސޫލުން މަޖިލިސް ޖަވާބުދާރީ ކުރެވި އެމީހުންގެ މައްޗަށް ރިކޯލް ވޯޓު ނެގޭގޮތަށް ކަނޑައެޅިފައިވާ ހިންގުމުގެ އޮނިގަނޑެއްގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވެސް ޖަވާބުދާރީވާން މަޖުބޫރު ގޮތެއް ކަނޑައަޅަން ޖެހޭނެ އެވެ. މިހާރު ގާނޫނު އަސާސީ އޮތްގޮތުން ރައީސް ޖަވާބުދާރީ ކުރުމުގެ ބާރު މަޖިލީހަށް އޮތް ނަމަވެސް ރައީސް އިންތިހާބުވެ މަގާމާ ހަވާލުވާތާ ތިން ވަރަކަށް މަސް ފަހުން ބާއްވާ މަޖިލިސް އިންތިހާބު ރައީސްގެ ބޭނުންވާ ބަޔަކަށް ކާމިޔާބު ކުރެވެ އެވެ.
އެހުރިހާ ކަމެއް ހިނގަނީ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ކަމަށް ރަށު ތެރޭގައި ވާހަކަ ދައްކަ އެވެ. އެހެން ކަމުން ރައީސް ޖަވާބުދާރީ ކުރުވުމުގެ ހިތްވަރު މެމްބަރުންގެ ކިބައިގައި ނުހުރެ އެވެ. އެހެންކަމުން އަލަށް ހޯދާ ހައްލުގެ ތެރެއިން ރައީސް ޖަވާބުދާރީވުމަށް މަޖިލީހަށް ވަކި އަދަދަކަށް ހާޒިރުވުމަކީ ލާޒިމްކަމެއްގެ ގޮތުގައި ކަނޑައަޅަން ޖެހެ އެވެ. މިސާލަކަށް އަހަރަކު 4 ފަހަރު އެވެ. އެއީ ކޮންމެ ކްއާޓާއެއް ނިމިގެން އެ ކްއާޓާއެއްގައި ސަރުކާރު ހިންގި ނުވަތަ ހިންގާ ކަންކަމާބެހޭ ގޮތުން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދިނުމަށާއި ރައިސް ޖަވާބުދާރީވުމަށެވެ.
ޖަވާބުދާރީވުމަށް ރައީސް މަޖިލީހަށް ވަޑައިގަންނަވާ ސެޝަން ވާން ޖެހޭނީ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދާރީވެ ނިމެންދެން ހިންގާ ސެޝަނަކަށެވެ. މިހާރު މިނިސްޓަރުންނާ ސުވާލު ކުރުމުގެ ކަން ހިނގާގޮތާ މުޅިން ހިލާފަށެވެ. މެންބަރުން ބޭނުންވާ ހުރިހާ ސުވާލެއްކޮށް ޖަވާބުދާރީވެވޭ ގޮތަށެވެ. އެ ސެޝަނަށް ރައީސް އޮފީހުގެ ޑިވިޒަންތައް ހިންގުމާ ހަވާލުވެ ތިބޭ އެންމެ އިސްވެރިން ވެސް ހާޒިރުވެ ޖަވާބުދާރީވާންޖެހޭނެ އެވެ.
ޖަވާބުދާރީވުމުގެ އިންތިޒާމު އެ މަގަށް ބަދަލުކޮށް، ރައީސްގެ މަގާމުގައި ހުންނަ މީހާ މަގާމުގައި ބެހެއްޓުމާ މެދު ފެންނަ ނުފެންނަ ވޯޓް ނެގޭނެ ގޮތް ގާނޫނު އަސާސީގައި ހިމަން ޖެހޭނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ މަޖިލީހަށް ބޮޑެތި ބާރުތަކެއް ގާނޫނު އަސާސީން ދީފައި އެބަ އޮތް ކަމަށާއި ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި މަގާމުން ދުރުކުރުމުގެ ބާރު އޮންނަ ފަދައިން ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ބޭފުޅުން ޖަވާބުދާރީކޮށް، ނުވަތަ މަގާމުން ދުރުކުރުމުގެ ބާރު ވެސް ލިބެ މަޖިލީސް އަށް ލިބޭ ކަމަށެވެ.
އިބުރާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގާނޫނީ ޒިންމާއިން ފެއަށް ޖެހި "ސަރުކާރާއި ގުޅިގެން" ކުރިއަށް ދާން ފެށުމުން ރައްޔިތުންނަށް ޖަވާބުދާރީ ވުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުން އެމީހުން ގެއްލިއްޖެ ކަމަށާއި މިއީ ގާނޫނު އަސާސީގައި މިކަން ތަސައްވުރު ކުރި ގޮތް ނޫން ކަމަށެވެ.
ރިކޯލް ވޯޓަކާއި އެކު ރައްޔިތުންނަށް އަބަދުމެ ޖަވާބު ދާރީވާންޖެހޭ ނިޒާމެއް ސިޔާސީންގެ މައްޗަށް ތަންފީޒުވާނެ އޮނިގަނޑެއް ލިބިއްޖެ ނަމަ އިންތިހާބީ މަގާމުތަކަށް "ބަދަލު" ގެންނަން ރައްޔިތުންނަށް އަބަދުވެސް ފުރުސަތު ލިބިގެން ދާނެ އެވެ. ރައްޔިތުންގެ ބާރުގެ ވާހަކަ ނިންމާލަން ޖެހެނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ދޭ ވޯޓާ ހިސާބުން ނެތް ނޫނެވެ.
މެންބަރުންނާއި ރައިސްގެ މައްޗަށް ޖަވާބުދާރީވާން މަޖުބޫރު ގޮތްތަކެއް އެކަށައަޅައިގެން ހިންގުމުގެ އޮނިގަނޑު ތަރުތީބުކޮށްފި ނަމަ މި ރާއްޖެގެ އަށް މިލިބެމުންދާ ގެއްލުން ކުޑަވެ ޖަވާބުދާރީވުމުގެ އާ ސަގާފަތެއް ގައުމުގައި އަށަގަނެ އިންތިހާބުވާ މީހާ އަދާ ކުރާނީ ރައްޔިތުންގެ ވަޒީފާއެއް ކަމުގެ އިހްސާސް ކުރެވެން ވާނެ އެވެ. އަދި ރައްޔިތުންގެ މަގާމުތަކަށް އަންނަ މީހުންނަކީ އެކަންކަމަށް ފަރިތަ އެކަން ކުރުމަށް އާދަވެފައިތިބޭ ބަޔަކަށްވާނެ އެވެ. އޭރުން ދުނިޔޭގެ ފެންވަރުގައި ޖަވާބުދާރީ ކުރުމުގެ އާ އޮނިގަނޑަކާ އެކު ރާއްޖެ އެހެން ފެންވަރެއްގައި އޮންނާނެވެ.
ނަތީޖާ އަކީ ސިޔާސީންނަށް ފަސް އަހަރު ވަންދެން ރައްޔިތުންނަށް ޖަވާބުދާރީނުވެ ފިލާއިގެން އުޅުމަށް މިހާރު ހުޅުވިފައިވާ ދޮރުތައް ބަންދު ވުމެވެ. މިއީ މިހާރު މި އޮތް ނިޒާމަށް ވުރެ ބޮޑަށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތް ކުރެވޭ ފަދަ ފޯމިއުލާއަކަށް ވެދާނެ އެވެ.