ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް މި ކައުންސިލް އުފެއްދެވީ "މޯލްޑިވްސް 2.0" ނުވަތަ "ޑިޖިޓަލް-ފަސްޓް ނޭޝަން"ގެ ތަސައްވުރު ގާއިމްކުރުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ބަލަހައްޓައި، ލަފާދިނުމުގެ ގޮތުންނެވެ.
މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ރައީސްކަމަށް ވެސް، ރައީސް އޮފީހުން ބުންޏެވެ.
"މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސްގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ހިދުމަތްކުރާ ގޮތާއި، އިގްތިސޯދު ކުރިއަރަމުންދާ ގޮތާއި، އާންމު ހިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޑިޖިޓަލައިޒް ކުރުމުގެ އެއް ބޭނުމަކީ ރައްޔިތުންނަށް ދޭ ހިދުމަތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވޭނެކަން ކަށަވަރު ކުރުމެވެ. ހިދުމަތް ދެނީ އެންމެ ހަލުވި މިނުގައި ކަން ކަށަވަރުކުރުމާ އެކު އެފިޝަންޓްކޮށް، ކޮރަޕްޝަން ހުއްޓުވުމުގައި ޑިޖިޓަލައިޒް ކުރުމުގެ ބޭނުމެއްގެ ގޮތުގައި ރައީސް ވިދާޅުވި އެވެ.