1000 މީހުންގެ އާބާދީއެއް އޮންނަ ވިލުފުށީގެ މަސްޖިދު އުމަރު ފާރޫގު މިސްކިތަކީ ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ. ޖުމްލަ 5،000 މީހުންނަށް ނަމާދު ކުރެވޭ އެ މިސްކިތަކީ ނަލަހިޔާ ގްރޫޕްގެ ފަރާތުން ވިލުފުށީގައި ބިނާކުރި މިސްކިތެކެވެ.
މި މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކޮށް ދިނުމަށް އެރަށު ރައްޔިތުން ވަނީ ރައީސް އަރިހުގައި އެދިފައެވެ.
ވިލުފުށީ މަސްޖިދު އުމަރު ފާރޫގު މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރައްވަން ނިންމިކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ވިލުފުށީގެ މަސްޖިދު އުމަރު ފާރޫގު މިސްކިތް. މި މިސްކިތް އިސްލާމީ މަރުކަޒަކަށް ބަދަލުކުރަން ވަނީ ނިންމާފައި
އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތުގައި ގުރުއާނާއި ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ހިންގަމުން ގެންދާކަމަށެވެ. އަދި ޤްރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމް ކުރިއަށްދާއިރު ރާއްޖޭން ބޭރު ޓީޗަރެއް މަރުކަޒުގެ ބެލުމުގެ ދަށުން ކިޔަވައިދެމުންދާކަންވެސް އިސްލާމިކް މިނިސްޓްރީން ފާހަގަކުރިއެވެ.